ރާއްޖެއަށް މިއަދު ޑިމޮކްރެސީ ގެނެވިފައިވާ ނަމަވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ހިތްހަމަޖެހޭ ވަރާ ގާތަށް ވެސް ނުދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރްސީއެމް(ގެ ކުރީގެ ރައީސް އަހްމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެސީ ދުވަހާ ގުޅިގެން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ، ދިވެހިންގެ އަސާސީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް އެކަށީގެންވާ މަސައްކަތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

"ރާއްޖެއަށް އަދި ޑިމޮކްރެސީއައިކަމުގައިވިޔަސް، އަޅުގަނޑު އަމިއްލައަށް ހިތްހަމަޖެހޭވަރާ ގާތަށް ވެސް އިންސާނީ ހައްގުތަކުގެ ހާލަތު އެއްވެސް ގޮތަކަށް ނުދޭ. އެއްވެސް ގައުމެއް ނޯންނާނެ ސަތޭކައިން ސަތޭކަ ހިއުމަން ރައިޓްސް ކަންތައް ރަނގަޅު. އެހެންނަމަވެސް ހިއުމަން ރައިޓްސް އަށް މަސައްކަތް ކުރެވެން ޖެހޭނެ،" ކުރީ ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ޖެހޭނީ ދައުލަތުން ކަމަށް ބަޔާންކޮށްފައި އޮތުމުން ދޭހަވަނީ އެ ހައްގުތައް ހޯދައިދުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ސަރުކާރުން ކަމަށެވެ. ނަމަވެސް، ހައްގުތައް ހޯދައިދިނުމުގައި ސަރުކާރުން ވަނީ "ފަރުވާކުޑަކުރެވިފައި" ކަމަށް ސަލީމް ވިދާޅުވި އެވެ.

"މި ހައްގުތައް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތަކުގައި ފަރުވާ ކުޑަކުރެވިފައި އެބަހުރި. އަދި އަޅާލަންވާވަރަށް އަޅާ ނުލެވި، މަސައްކަތް ކުރަންވާ ވަރަށް ނުކުރެވި ހުރީ،" ސަލީމް ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި އެކަންކަމަށް ފާރަވެރިވާން އޮތް މުއައްސަސާކަމުގައިވާ، ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އެކަށީގެންވާ ގޮތުގައި ހަރަކާތްތެރި ނުވެވޭކަން ސަލީމް ފާހަގަކުރެއްވި އެވެ.

"މިކަންތައްތަކަށް ފާރަވެރިވުމަށް، އަދި ސަރުކާރު ޖަވާބުދާރީކުރުވައި ވޮޗް ޑޯގެއްގެ ގޮތުން މި އޮންނަނީ ހިއުމަން ރައިޓްސް ކޮމިޝަން އުފައްދަވައިފަ ގާނޫނީ ގޮތުން. އެހެންނަމަވެސް، އަޅުގަނޑަކަށް ނުފެނޭ އެކޮމިޝަނުން މަސައްކަތް ކުރަންވާ ވަރަކަށް މަސައްކަތް ކުރެވޭ ތަނެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ގާނޫނުތައް އެކުލަވާލުމުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރެވޭނީ މަޖިލިސް މެމްބަރުންނަށް އަސާސީ ހައްގުތައް ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ. އަދި ކޯޓުން ނިމޭ މައްސަލަތަކުގައި އިންސާނީ ހައްގުތަށް ހުރުމަތްތެރިކުރެވޭނީ ގާޒީންނަށް އިންސާނީ ހައްގުތަކުގެ އުސޫލުތައް ރަނގަޅަށް އެނގިވަޑައިގެންކަމަށެވެ.

"ރައްޔިތުންގެ މަޖިލީހާއި، ކޯޓުތައް ނޫނީ ގާޒީންނާއި އަނެއްކާ ސަރުކާރާ، މިތަންތަނުން ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވަންޏާ މި ހުރިހާ ކަމެއް ބެލުމަށްޓަކައި މުސްތަގިއްލު ގޮތުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަރަށް ބޮޑު ވާޖިބެއް މި ހުރިހާ ދާއިރާއަކަށް ފާޑުކިޔުމާއި އެތަންތަނުން ކުރާ މަސައްކަތަކަށް ހިތްހަމަނުޖެހޭ ކަމަށްވަންޏާ އެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސް އެކަންކަން ރަނގަޅުކުރުން." ސަލީމް ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާ ހަމަވުމަށްފަހު ގާއިމްވެގެން އައި ހިއުމަން ރައިޓްސް ކޮމިޝަނަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެކޮމިޝަނުން ތަހުގީގުކޮށްފައިވާ އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ފިޔަވަޅެއް އަޅާފައިނުވާއިރު، ދައުވާ ކުރުމަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަން އެނގެން ނެތް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.