24 Jul 2018, 23:34
ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާކަމަށް ބުނެ މިއަދު ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ވ. މެޑަލްޖެހިގޭ އަޙްމަދު ޒުބައިރު ސީރިއާއަށް ދިޔައީ އަނބިމީހާ އާއި ދަރިންވެސް ގޮވައިގެން ކަމަށް ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފިއެވެ.
އެންސީޓީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒުބައިރަކީ ހަރުކަށި ފިކުރުތަކަށްތަބާވާ މީހެއް ކަމަށާއި އަދި އެފަދަ ފިކުރުތައް ފަތުރަން މަސައްކަތްކޮށްފައިވާކަމުގެ ރެކޯޑް ޒުބައިރުގެ އޮންނަ ކަަމަށެވެ.
އެންސީޓީސީން ބުނީ ބޭރުގެ ޖަމާއަތްތަކާ ގުޅިގެން، ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެދޫކޮށް ދަތުރުކޮށްފައިވާ ދިވެހީންގެ ލިސްޓްގައިވެސް ޒުބައިރު ހިމެނޭ ކަމަށެވެ.
ޒުބައިރުގެ މަރާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށް އޭނާއާ މެދު ކަންތައްތައް ހިނގާފައިވާގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށް އެންސީޓީސީ އިން ބުންޏެވެ.
ރާއްޖޭގެ މީޑިއާތަކުން މިއަދު އަޑުފެތުރިގޮތުގައި، ޒުބައިރު ސީރިއާގައި ހަނގުރާމަ ކުރަމުންގެންދިޔައީ އައިއެސް ޖަމާއަތާ ގުޅިގެންނެވެ. އަދި އޭނާގެ ބޯބުރިކޮށްް މަރާލީ އައިއެސް ޖަމާއަތާ އިދިކޮޅު އެހެން ހަރުކަށި ގްރޫޕެއް ކަމަށްވާ ތަހުރީރުއް ޝާމް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރަމުންގެންދާ ދިވެހީންގެ ބައެއް ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ ސަރުކާރުން ބުނީ ސީރިއާގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާ ގުޅިގެން ދިވެހީންގެ 50 ވަރަކަށް މީހުން އެގައުމުގައި ހަނގުރާމަކުރަމުންގެންގެންދާ ކަމަށެވެ.