25 Jul 2018, 10:05
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޮވާނެ ކަމަށާއި އެއީ ޔަގީން ކަމެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އަތޮޅު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދިނުމަށް "ފޫ ގަޅައިގެން" މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަން ޔަގީން. ރައީސް ޔާމީން އަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އަޅުގަނޑުމެން މިތިބީ ފޫގަޅާލައިގެން،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ވޭތުވެ ދިޔަ ތަނުގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ފެނިފައިނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީގެ ފަރާތުން ތަރައްގީ ފެންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ވޭތުވެ ދިޔަތާގައި ތަރައްގީގެ އެއްވެސް ކަމަކަށް އެމްޑީޕީގެ މެމްބަރުން ވޯޓުދީފައެއް ނުވޭ. އެވަރު ބަޔަކު ރައްޔިތުން ކައިރިއަށް ދިޔައީމާ ރައްޔިތުން އެމީހުން ބަލައި ނުގަންނާނެކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް ގާދިރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީއެއް ގެނެސް ދީފައި ވަނީ ރައީސް ޔާމިން ކަމަށެވެ.
"ރައްޔިތުން ބޭނުންފުުޅު ވާކަހަލަ ތަރައްގީއެއް ގެނެސްދީފައި ވަނީ ރައީސް ޔާމީން. ކުރިއަށް އޮތްތާގައި ގެނެސް ދެވޭނީ ވެސް ރައިސް ޔާމީން އަށް،" މުފީދު ވިދާޅުވި އެވެ.