15 Sep 2011, 18:34
ގދ.މަޑިވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް 33.4 މިލިއަން ރުފިޔާ އަށް ސީޕީއެސް މޯލްޑިވްސް ޕްރއިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިންގ މިނިސްޓީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ.މުހައްމަދު ޝަރީފް އެވެ. އަދި މަސައްކަތާ ހަވާލުވާ ކޮންޓްރެކްގައި ސޮއި ކޮއްފައި ވަނީ ސީ.ޕީ.އެސް މޯލްޑިވްސް ޕްރއިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޒިޔާދު އެވެ.
ސަރުކާރުގެ ބަޖެޓުން 33.4 މިލިޔަން ރުފިޔާ ހޭދަކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ހަދަން ހަމަޖެހިފައިވަނީ 441 މީޓަރުގެ ކޯޒްވޭ އެކެވެ. އަދި މީގެ އިތުރުން މަޑަވެލި ގިރާ ސަރަހައްދުން 10 ހެކްޓަރުގެ ބިން ހިއްކުމާއި ހޯޑެއްދޫ ހުޅަނގު ފަރާތުން 650 މީޓަރުގެ ކޯސްޓަލް ރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ މަސަައްކަތް ނިންމުމަށް ސަރުކާރުން ވަނީ 420 ދުވަހުގެ މުހުލަތެއް ކޮންޓްރެކްޓަރަށް ދީފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޑރ.ޝަރީފް ވިދާޅުވީ މީ އެދެ ރަށުގެ ތަރައްގީ އަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން މަޑަވެއްޔާއި ހޯޑެއްދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއްް ކުރާނެ ކަމަށެވެ.