24 Jul 2018, 19:42
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ރަނިން މޭޓް ފައިސަލް ނަސީމަކީ ގައުމު ހިންގުމުގެ ގާބިލުކަން ހުރި ދެ ބޭފުޅުން ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އެމީހެއްގެ މާޒީން މިނެކިރާލަން އެނގޭނެ ކަމަށެވެ. އަދި އިބޫގެ މާޒީއަށް ބަލާއިރު ގައުމު ހިންގުމުގެ ދާއިރާގައި ކުރިއެރުންތަކެއް ހޯދިދާނެ ކަމުގެ ހެއްކެއް ދެއްކެން ނެތް ކަމަށް އަދުރެ ވިދާޅުވި އެވެ.
"މިސާލަކަށް ރައްޔިތުންނަށް ވޯޓު ނުދީ. ދެން ރައްޔިތުން އެމީހަކަށް ވޯޓު ދޭނެތޯ. އަޅުގަނޑުމެންގެ ސަރުކާރު އައިސްގެން އަދި އޭގެ ކުރީގައި ވަހީދު ސަރުކާރު އައިސްގެންވެސް މަޖިލީހަށް ހުށަހެޅި އެއްވެސް ބަޖެޓަކަށް އެމްޑީޕީ ކެންޑިޑޭޓް [އިބޫ] ވޯޓު ދެއްވާފައެއް ނޯންނާނެ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭން ފާސްކުރާ އެއްޗެއް ކަމަށާއި އެ ގާނޫނީ ޒިންމާ އަދާ ނުކުރެވުނު މީހަކަށް ގައުމު ނުހިންގޭނެ ކަމަށެވެ. އަދި މިގައުމުގެ ރައްޔިތުންނަކީ ސިޔާސީ މައިދާނުގައި މިހާރު ހިނގާ ކަންކަން ވަރަށް ގާތުން ބައްލަވާ ބޭފުޅުން ކަމަށާއި އެހެންވީމަ އެފަދަ ބޭފުޅަކަށް ރައްޔިތުން ވޯޓު ނުދެއްވާނެ ކަމަށެވެ.
އަދި ގައުމެއް ހިންގަން ބަލާއިރު ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ އެއްވެސް ތަޖުރިބާއެއް އިބޫގެ ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.
" 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ކެނެރީގޭ މުހައްމަދު ނަޝީދު. އެބޭފުޅާއަކީ ހިންގުމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް ވީމަ ތިނަ އަހަރުވެގެން ދިޔަ އިރު މި ގައުމަށް ކުރިއެރުމެއް ނުގެނެވުނު ތާގައި ގައުމުގެ އެތައް އަހަރެއް ފަހަތައް ޖައްސަވާލައްވާފައި އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވީ" އަދުރޭ ވިދާޅުވި އެވެ.
އެހުރިހާ ކަމަކަމަށް ބަލާއިރު އެމްޑީޕީން މިއަދު ދައްކަވާފައި ހުންނެވި ރިޔާސީ ކެންޑިޑޭޓާއި، ޖޭޕީން ދައްކަވާފައި ހުންނެވި ރަނިންގް މޭޓަކީ ގައުމެއް ހިންގޭ ވަރުގެ ތަޖުރިބާ ހުރި މީހުން ކަމަކަށް ގަބޫލު ނުކުރާ ކަމަށް އަދުރޭ ވިދާޅުވި އެވެ.