ގުދުސް (ޖުލައި 24): އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސް މަތިން ދަތުރު ކުރަމުންދިޔަ ސީރިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޖެޓެއް ވައްޓާލައިފި ކަމަށް އިސްރާއިލް އަސްކަރިއްޔާއިން ބުނެފި އެވެ.

އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް)އިން ކުރި ޓުވީޓެއްގައިވާ ގޮތުން އެގައުމުން ވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަން ސީރިއާގެ ފައިޓާ ޖެޓަކަށް މިސައިލް ހަމަލާދީ ވައްޓާލާފައެވެ.

ނަމަވެސް ސީރިއާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އިސްރާއީލުން އެހަމަލާ ދިނީ އެޖެޓު ސީރިއާގެ ވައިގެ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާގައި ޖެޓު ދުއްވަން އިން ޕައިލެޓު ވަނީ މަރުވެފައެވެ.

ސީރިއާގެ ފައުޖުތަކުން މިހާރު ދަނީ އެގައުމާއި އިސްރާއީލްގެ ބޯޑަރު ކައިރިން އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔުމަށް ހަނގުރާމަ ކުރަމުންނެވެ.

އޭގެ ސަބަބުން އައިޑީއެފް އޮތީ ހައި އެލާޓުގައި ކަމަށް އިސްރާއީލުން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެއީ 2014 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ސީރިއާގެ ޖެޓެއް ވައްޓާލި ފުރަތަމަ ފަހަރެވެ. އެހާދިސާގައި ޕައިލެޓު ވަނީ ސަލާމަތްވެފައެވެ. (ބީބީސީ)