24 Jul 2018, 18:56
ތައުލީމް އުނގެނި ގައުމަށް ފައިދާ ކުރުވަނިވި ބަޔަކަށް ވުމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ގދ. ތިނަދޫގައި ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެރަށު ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ގައުމަށް ވަފާތެރި އަދި ގައުމަށް ފައިދާ ކުރުވަނިވި މީހަކަށް ވުމަށް އެދޭ ކަމަށެވެ.
ކާމިޔާބު ބަޔަކަށް ވުމަށް އޮތް ދޮރަކީ ތައުލީމް އުނގެނުން ކަމަށާއި އެހެން ކަމުން ކޮންމެ ކުއްޖަކީވެސް ހާސިލް ކުރެވެން އޮތް އެންމެ މަތީ މިންވަރަކަށް ތައުލީމް އުނގެނޭ ބަޔަކަށް ވުމަށް ޖިހާދު އިލްތިމާސް ކުރެއްވިއެވެ.
"ރާއްޖެ މިދެކޭ ކާމިޔާބީ ތަކުގެ ހަގީގަތަކީ ތައުލީމީ ޒުވާނުން. ކުރިއަށް އޮތް ތަނުގައިވެސް ގައުމު ކުރިއަށް ދާނީ ތައުލީމީ ޒުވާނުންގެ ހިތްވަރާއި ފަންވަރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ގައުމު ދެކިފައިވަނީ ހީވެސް ނުކުރާ ކުރިއެރުން ތަކެއް ކަމަށާއި އެ ކަންކަމުގެ ހަގީގަތަކީ ޒުވާނުންނަށް އެމަނިކުފާނު ފަހިކޮށްދެއްވި ފުރުސަތުތައް ކަމަށެވެ.
"މީގެ ކުރީގެ ސަރުކާރުތަކުން ޒުވާނުން ބޭތިއްބީ ގައުމު ހިންގުމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި. އާޚިރު ނަތީޖާއަކީ ޒުވާނުން ބާކިވެބިކަވުން،" ޖިހާދުވިދާޅުވިއެވެ.
މި ސަރުކާރުން ޒުވާނުން ބޭނުންތެރި ބަޔަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި ޒުވާނުންނަށް ޚާއްސަކޮށްގެން ދައުލަތުގެ ބަޖެޓުން ގިނަ ޚަރަދު ކުރަނީވެސް އެ ކުދިންނަކީ ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްކަމަށް ނައިބު ރައީސް ޖިހާދު ވިދާޅުވިއެވެ.