ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ހުށަޅާ ހެކިތައް ސިއްރު ކުރަން ޝަރީއަތުން މިއަދު ނިންމައިފިއެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

ފުރަތަމަ ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ)ގެ ފަސް ވަނަ ނަމްބަރުގައިވާ ގޮތައް ހެކިބަސް ދޭ މީހާއަށް ހިމާޔަތް ލިބިދޭ ގޮތަކަށް ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ސިއްރު ކުރުމަށް ދައުލަތުން ވަނީ އެދިފައެވެ. އޭގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ބަޔާންތަކާއި އެހެން ލިޔުންތައް ރައްކާތެރިކުރުމަށް ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ.

ދައުލަތުން ސިއްރު ކުރަން އެދުނު ހެކިތަކަކީ ސީން އޮފް ކްރައިމް ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި، ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓާއި ސީސީޓީވީ ފޫޓޭޖުން ނަގާފައިވާ ސްނެޕްޝޮޓުތަކެކެވެ. ދައުލަތުން ބުނީ ސީން އޮފް ކްރައިމް ރިޕޯޓު ހާމަކޮށްފި ނަމަ މިހާރު ކުރިއަށްދާ ތަހުގީގަކަށް ހުރަސް އެޅިދާނެ ކަމަށެވެ. އަދި ސްނެޕްޝޮޓުތައް ސިއްރު ކުރަން އެދުނީ ހެކިވެރިން ހާމަވެދާނެތީ ކަމަށެވެ.

ދައުލަތުގެ ހުށަހެޅުންތަކަށް އިއުތިރާޒު ކުރަމުން ރައީސް މައުމޫންގެ ދިފާއީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ސިއްރު ހެކި ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ އުސޫލެއްގެ ދަށުން ކަމަށެވެ. ނަމަވެސް ސިއްރުން ހެކިބަސް ނެގުމުގެ އުސޫލެއް ހެއްކާ ބެހޭ ގާނޫނުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ލިޔެކިޔުންތައް ސިއްރު ކުރުމަކީ ދިފާއު ބިނާ ކުރުމަށް އުނދަގުވެގެންދާނެ ކަމެއް ކަމަށާއި އެހެން ކަމުން، ލިޔެކިޔުންތަކުގެ ވަކި ބަައިތައް ސިއްރުކޮށްގެން ނަމަވެސް އެ ލިޔެކިޔުންތައް ފޯރުކޮށްދުނުމަށް ޝަމީލް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސިއްރު ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ހެކިބަސް ދޭން ޖެހޭނީ ގާޒީ އާއި ދެ ހަސްމުންގެ ކުރިމަތީގައި ކަމަށާއި ކޮޓަރިއެއްގައި ފިލައިގެން ހުރެ ނޫން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މީގެ ކުރިން ވެސް ރިޝަވަތު ދީގެން ސިއްރު ހެކިބަސް ދީފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުޝާދު ވިދާޅުވީ ސިއްރު ހެކިބަސް ދިނުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މުޖްތަމައުގެ ސަލާމަތައްޓަކައި އެކަން ސިއްރު ހެކިބަސް ނެގުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ދެ ހުށަހެޅުމަށް ރައީސް މައުމޫންގެ ފަރާތުން އިއުތިރާޒު ކުރި ނަމަވެސް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ނިންމެވީ ދައުލަތުގެ ދެ ހުށަހެޅުން ވެސް ބަލައިގަތުމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ރައީސް މައުމޫންގެ ބަންދު ލުއި ކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ގާޒީގެ އަރިހުން އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް މިއަދުގެ އަޑުއެހުމަކީ، ދައުލަތުގެ ހުށަހެޅުންތައް ހުށަހަޅަން ބޭއްވި އަޑުއެހުމެއް ކަމަށް ވިދާޅުވެ ގާޒީ ހައިލަމް ވަނީ މަޖިލީސް ނިންމަވާލައްވާފައެވެ.