މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ރާއްޖޭގައި ވަރަށް މަދު ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ.

ކަސްޓަމްސްގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި ސްކޭން މެޝިނާއި ބޮޑީ ސްކޭން މެޝިން ބޭނުންކުރިނަމަވެސް އަދިވެސް އެންމެ ޒަމާނީ ވަސީލަތްތައް ނެތުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.

"މިސާލަަކަށް ރޯގެރިމަސްގަނޑެއްގެ ތެރެއަށްވެސް އެއްޗެތިތަކެއް ލާފަހުރެދާނެ. ވަރަށް އެކަހަލަ ދަތިތައް އެބަހުރި،" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ މިހާރުވެސް ރާއްޖެއަށް އެތެރެކުރާ ގިނަ މަސްތުވާތަކެތީގެ ބާވަތްތައް އަތުލައިގަންނަނީ ކަސްޓަމްސްގެ މުވައްޒަފުންގެ ހުށިޔާރުކަމުގެ ސަބަބުން ކަަމަށެވެ.

ކަސްޓަމްސް އިން އަތުލައިގަތް ރާއްޖެ އެތެރެކުރި މަސްތުވާތަކެތިތަކެއް--- ފޮޓޯ: ކަސްޓަމްސް

"އަޅުގަނޑުމެންގެ ކަސްޓަމްސް އޮފިސަރުން މިތެބެނީ ވަރަށް ރަނގަޅަށް ތަމްރީންކުރެވިފައި. މި ހުރިހާ ގިނަ ކޭސްތަކެެއް އަތުލައިގަނެފައި މިހުރީ ހަމަ ކަސްޓަމްސް އޮފިސަރުން ހަމަ އެރައިވަލްއައިން ފަސެންޖަރުންގެ މޫވްމަންޓް ބަލައިގެން ޗެކް ކުރުމުގެ ތެރޭގައި ފެނިފައިހުރި މައްސަލަތައް ބޮޑެތިކޮށް ފެނިފައި މިހުރީ،" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ ރާއްޖެއަށް އެތެރެވާ ހުރިހާ މަސްތުވާތަކެއްޗެއް ކަސްޓަމްސްއަށް ނުހުއްޓުވޭކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ މަސްތުވާތަކެތި ހުއްޓުވުމުގައި ކަސްޓަމަސްއިން ކެނޑިނޭޅި މަސައްކަތްކުރަމުންގެންދާ ކަަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި އުޅޭ ކަސްޓަމްސްގެ އޮފިސަރުންނަށް އިންޒާރުވެސް ލިބޭ ކަމަށާއި އަދި އެ އޮފިސަރުންވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޖުނައިދު ވިދާޅުވިއެވެ.