15 Sep 2011, 17:47
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި މިރޭ ހަމަކުރެވޭނެ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފި އެވެ.
ޕީޕީއެމް ރަޖިސްޓްރީކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި "އަހަރެން ވެސް ޕީޕީއެމް"ގެ ހަރަކާތުގެ ތެރެއިން މީޑީއާ އާ ބައްދަލުކުރައްވައި މައުމޫންގެ ދޮށީ ދަރިކަލުން ދުންޔާ މައުމޫން ވިދާޅުވީ، ސޮއި ކުރުމަށް އަންނަ މީހުންގެ ރޭޓަށް ބަލާ އިރު މިރޭ، 12 ޖެހުމާ ހަމައަށް ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ވަރަށް ގިނަ ފަރާތްތަކަކުން މިހާރު ވެސް ޒިޔާރަތްކުރައްވައިފި. އަޅުގަނޑުމެންގެ ޓާގެޓަކީ މިރޭ 12 އަށް 3000 މީހުންގެ ސޮއި އެއްކުރުން. އެ ޓާގެޓް ފުރިހަމަވާނެ ކަމަށް އުންމީދު ކުރެވެނީ،" ދުންޏާ ވިދާޅުވި އެވެ.
އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖެތެރޭގެ ޕީޕީއެމް އަށް ސޮއި ހޯދުމުގެ މަސައްކަތް ރަސްމީކޮށް މާދަމާ ފަށާނެ ކަމަށެވެ.
"ތިން ހާސް މީހުންގެ ސޮއެއް ނޫން ހަމައެކަނި އަޅުގަނޑުމެން ހޯދަން މި އުޅެނީ. ވީހާސް ގިނައިން. ފުރިހަމަ ޔަގީންކަން އެބައޮތް މިއީ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ވާނެ ކަން. މިހާރު ވެސް އަތޮތެރޭން އަމިއްލައަށް އެދިގެން ފޯމުތަށް ފުރުމުގެ މަސައްކަތް އެބަހިނގާ. އެކަމަކު އަޅުގަނޑުމެންނަށް މާދަމާ ރަސްމީކޮށް، ސޮއި ކުރުމުގެ ކަންތައް އަތޮޅުތަކުގައި ފެށޭވަރުވާނީ،" މަހުލޫފު ވިދާޅުވި އެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު 10:00 ޖެހިއިރު ފެށި ސޮއި ހޯދުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ދަރުބާރުގެއަށް ގޮސް އެ ޕާޓީއަށް ސޮއި ކުރަމުންނެވެ.
ޕީޕީއެމް އިން ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދަށް މިރޭ ސޮއި ހަމަވާނެ ކަމަށް ގަބޫލުކުރާ އިރު އެ ޕާޓީގެ ލޯގޯ ކުރެހުމަށް ވެސް ވަނީ މިއަދު އާންމުކޮށް ހުޅުވާލައިފަ އެވެ. އެ ޕާޓީން އެދިފައި ވަނީ، ލޯގޯ ކުރެހުމުގައި ރަތް، ކަޅު، ފިޔާތޮށި، ހުދުކުލަ އަދި ގުރާފެހި ކުލަ ބޭނުން ކުރުމަށް އިސްކަން ދިނުމަށެވެ.