24 Jul 2018, 16:07
އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވީނަމަވެސް އެޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް އިން ނިންމައިފިއެވެ.
"ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް ހުށަހަޅާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި ޕާޓީ އުފެއްދުމަށް އެދިފައިވަނީ އެމްޑީޕީގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލެކެވެ.
އިލެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ އެނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އެ ކޮމިޝަނުގެ މެންބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމް "ސަން" އަށް ވިދާޅުވީ ލޭބާ އެންޑް ޖަސްޓިސް ޕާޓީ ގެ ނަން ނޫން އެހެން ނަމެއްގައި ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިއްޖެނަމަ އެ ހުއްދަ ދޭނެ ކަމަށެވެ.
މީގެ ތިން މަސް ކުރިން ވެސް އެ ކޮމިޝަނަށް ވަނީ އާ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައެވެ. ނަމަވެސް ހުށަހެޅި ލިއުންތައް ފުރިހަމަ ނުވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީފައެވެ.
ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ހަ ސިޔާސީ ޕާޓީއެއް މިހާރު ހިންގައެވެ. އެއީ އެންމެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އާއި ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ހިމެނޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހުރީ ޕާޓީ އާއި މޯލްޑިސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އަދާލަތު ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ބައެއް ޕާޓީތަކަށް މެމްބަރުން ހަމަނުވެގެން މީގެ ކުރިންވަނީ އުވާވެސް ލާފައެވެ.