"ފްރޭމްވަރކް އެގްރީމެންޓް އޮފް ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" (އައިއެސްއޭ) އަދި "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވަރސިޓީ" ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި‏އެވެ.

މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުށަހެޅުއްވި ދެ ކަރުދާހާ ބެހޭގޮތުން އެ މަޖިލީހުގައި މަޝްވާރާކުރެއްވުމަށްފަހުގައެވެ.

އައިއެސްއޭގެ މައިގަނޑު މަޤްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތްކުރުމެވެ.

ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވަރސިޓީގެ މައިގަނޑު މަޤްޞަދަކީ، ދިރޭތަކެތީގެ ނަސްލު ޙިމާޔާތްކުރުމާއި، ދެމެހެއްޓެނިވިގޮތެއްގައި ދިރޭތަކެތީގެ ބައިތަކުގެ ބޭނުން ހިފުން އަދި ޖެނެޓިކްސް ރިސޯސަސް އިންސާފުވެރި ގޮތެއްގައި ބޭނުންކުރުމާއި ލިބޭ ފައިދާ ޙައްޤުވާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ގޮތެއްގައި ހޯދައިދިނުމެވެ.

މި ނިންމެވުމާއެކު ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި ދެ މުޢާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މި ދެ މުވާހަދާގައި ބަައިވެރިވުމަށް ނިންމީ 2015 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް ގެ ފައުންޑިންގ މެންބަރެއްގެ ގޮތުގައެވެ.