24 Jul 2018, 15:01
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާ ތަކެތި އެތެެރެކުރުން އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގައި މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަަވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިންޑަންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ މިދިޔަ އަހަރާ ބަލާއިރު މިއަހަރު ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާ ކަަމަށެވެ.
ހަމްދޫން ވިދާޅުވީ މިއަހަރު އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށްފައި ވަނީ ވެސް ޕޯސްޓް މެދުވެރިކޮށް ކަމަށެވެ.
''އަޅުގަނޑުމެން މިއަހަރުގެ ޖެނުއަރީ އިން މިހާ ހަމައަށް ޖުމްލަ 54 ކޭސް މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ. ވައިގެ މަގުން ނުވަ ކޭސް. ޕޯސްޓްގެ ޒަރިއްޔާ އިން 44 ކޭސް އަދި ކަނޑުގެ މަގުން އެއް ކޭސް." ހަމްދޫން ވިދާޅުވި އެވެ.
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ޖަރުމަނުން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ. އަދި އެއަށް ފަހު އެންމެ ގިނައިން ޕޯސްޓް މެދުވެރިކޮށް އެތެރެކޮށްފައި ވަނީ އިނގިރޭސިވިލާތުންނާއި ބެލްޖިއަމް އިން ކަމަށް ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވީ މި އަހަރުގެ މިހާތަނަށް 23 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށެެވެ. އޭގެ ތެރޭގައި 9.4 ކިލޯގެ ކެނެބިސް އާއި 8.9 ކިލޯގެ ހަޝިސް އިތުރުން 1.8 ކިލޯގެ ހެރޮއިން ހިމެނެ އެވެ.
އޭގެ އިތުރުން މެތަ އެމްފެޓަމިންއާއި އެމްފެޓަމިންގެ އިތުރުން ނިއު ސައިކޯއެކްޓިވް ސަބްސްޓެންސާސް (އެންޕީއެސް) ފަދަ ޕާޓީ ޑްރަގްތައް ވެސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.