ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ބ. އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ހޯދައިފިއެވެ.

މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ބ. އަތޮޅު ބުރުގައި ހަތަރު ޓީމަކުން ވާދަކޮށްފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެފައި ވަނީ ލީގު އުސޫލުންނެވެ.

ބ. އަތޮޅުގެ ލީގު ބުރުގެ ކުޅުން ރޭ ނިމިފައިވާ އިރު، އެ އަތޮޅުގެ ފަހު ދެ މެޗު ކުޅުނީ ރޭގައެވެ. އެގޮތުން އޭދަފުށިން ކުޅުނު މެޗުގައި ކުޑަރިކިލު ބަލިކުރީ 18-1ގެ ނަތީޖާއަކުންނެވެ. އަނެއް މެޗުގައި ހިތާދޫން ވަނީ 10-2 ގެ ނަތީޖާއަކުން ތުޅާދޫ ބަލިކޮށްފައެވެ.

ރޭގެ މެޗުން އޭދަފުއްޓާއި ހިތާދޫންވެސް މޮޅުވެފައިވާ އިރު، އެ ދެޓީމަށްވެސް ތިން މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. އޭދަފުއްޓަށް އަތޮޅު ޗެމްޕިއަންކަން ލިބިފައި ވަނީ ހިތާދޫއަށްވުރެ ފައިދާ ފަސް ގޯލް އިތުރުވުމުންނެވެ.

އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމުވެސް ލިބުނީ އޭދަފުށީގެ އަޝްރަފަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 55 ޓީމު ވާދަކުރާނެއެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މުބާރާތުގެ ކ. އަތޮޅުގެ ފައިނަލް ބުރުގެ ކުޅުން މިރޭ 8:00ގައި އޮންނަ އިރު، އެ އަތޮޅުގެ ފަހު ދެ މެޗު މިރޭ އެވަގުތު ކުރިއަށްދާނެއެވެ. އަދި 10:00ގައި ޅ. އަތޮޅުގެ ފައިނަލް ދެވަނަ ލެގުވެސް އޮންނާނެއެވެ. ޅ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައި ވަނީ ނައިފަރާއި ހިންނަވަރެވެ. އެ ދެޓީމު ކުޅެފައިވާ ފައިނަލްގެ ފުރަތަމަ ލެގު ނައިފަރުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.