24 Jul 2018, 13:44
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓަ ވޯޓު ފޮށިތަކުގެ ތެރެއިން އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގައި ވޯޓުލާ މީހުން ރީ ރަޖިސްޓާ ކުރަން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގައި ވޯޓުލާ މީހުންރީ ރަޖިސްޓްރާ ކުރުމުގ ފުރުސަތު މިމަހުގެ 23 އިން ފެށިގެން އަންނަ މަހުގެ 11 އަށް ހުޅުވާލާފައިވާ ކަމަށެވެ.
ނިއުދިއްލީގައި ރީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ސިންގަޕޫރުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ވެސް ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.
ސިންގަޕޫރާއި ނިއުދިއްލީގައި ވޯޓު ފޮށި ބަހައްޓާނީ އެ ފޮށިތަކަށްް ވޯޓު ލުމަށް 200 އަށް ވުރެ ގިނަ މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ ނަމަ އެވެ.
ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓަން ނިންމާފައި ވަނީ ފަސް ވޯޓު ފޮއްޓެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯގައި ދެ ފޮއްޓާއި އިންޑިއާގެ ޓްރެވިންޑްރަމްގައި ވޯޓު ފޮއްޓެއް، އިނގިރޭސި ވިލާތުގައި ވޯޓުފޮއްޓެއް އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ވޯޓު ފޮއްޓެކެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.