ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ރަނިންގް މޭޓަކު ހޮވުމަށް ބޭއްވި ކައުންސިލު ވޯޓުގައި އެއް ވޯޓެއްގައި މައްސަލަ އުޅޭ ކަމަށް އެ ޕާޓީގެ ކުރީގެ މެމްބަރު މޫސާ އަންވަރު ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ނަގަން ނިންމާފައިވާ ކަމަށް މޫސާ އަންވަރު ބުނެފި އެވެ.

މޫސާ އަންވަރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެދުމެއްގެ މަތިން ގައުމީ މަސްލަހަތު އިސްކޮށް ޖޭޕީގެ ރަނިންމޭޓް އިންތިޚާބާ ގުޅޭ ގޮތުން އޭނާގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންގް މޭޓަކަށް އެ ޕާޓީގެ ކައުންސިލުން އިންތިހާބު ކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު އެވެ. ފައިސަލްއަށް ލިބުނީ 15 ވޯޓެވެ. އަދި އެ އިންތިހާބުގައި ވާދަ ކުރި އެ ނޫން ކެންޑިޑޭޓުންގެ ތެރެއިން އަލީ ހުސައިންއަށް ލިބުނީ 14 ވޯޓެވެ.

މޫސާ އަންވަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ބާތިލު ވޯޓެއް ކަމަށް ޖޭޕީން ކަނޑައެޅި ވޯޓަކީ ސުވާލު އުފެދޭ ވޯޓެއް ކަމަށެވެ. އެއީ އަލީ ހުސައިންއަށް ލިބުނު ވޯޓެއް ކަމަށް ބަލައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައި ދިނުމަށް ޖޭޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މޫސާ އަންވަރު ވަނީ އެދިފަ އެވެ.

ބާތިލު ވޯޓުގައި ދެން ވާދަ ކުރި ތިން ކެންޑިޑޭޓުންގެ ގޮޅީގައި ރަސްގެ ޖެހުމަށް ފަހު އަލީ ހުސައިންގެ ނަމާ ދިމާލުގައި ފާހަގަ ނުޖަހާ އޮތުމަކީ އަލީ ހުސައިންއަށް އެ ވޯޓު ލިބުނުކަމަށް ދޭހަވާނެ ކަމެއް ކަމަށް މޫސާ އަންވަރު ވަނީ ބުނެފަ އެވެ.

ނަމަވެސް މޫސަ މިއަދު ބުނެފައި ވަނީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހާއި ފައިސަލް ނަސީމަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.