15 Sep 2011, 17:27
މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ ބައެއް އަމިއްލަ ކުންފުނިތަކުން ޕެންޝަނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކުރުމަށް މުވައްޒަފުންގެ އަސާސީ މުސާރަ ކުންފުނިތަކުން އޮޅުވާލާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ވަޒީފާ ދޭ ފަރާތުން އެ ސްކީމަށް އަސާސީ މުސާރައިގެ ހަތް ޕަސެންޓާއި ވަޒީފާދޭ ފަރާތުން ހަތް ޕަސެންޓާ އެކު ޖުމްލަ ސާދަ ޕަސެންޓް ދައްކަން ޖެހޭއިރު ޕެންޝަން އޮފީހުގެ ޑިރެކްޓާ އިސްމާއިލް ސުޖާއު މިއަދު ވިދާޅުވީ ޕެންޝަނަށް ދައްކަންޖެހޭ ފައިސާގެ އަދަދު މަދުކުރުމުގެ ގޮތުން މުވައްޒަފުންގެ އަސާސީ މުސާރަ މަދުކޮށް އެބައި އެލަވަންސަށް ލާކަމުގެ ޝަކުވާ ގިނަ އަދަދަކަށް މެދުކެޑުމެއްނެތި ލިބެމުން އަންނަ ކަމަށެވެ.
"އީމެއިލް އާއި ހޮޓްލައިނަށް ޝަކުވާތައް އާދޭ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ އަދަދަކަށް. އެބޭފުޅުން ޝަކުވާ ކުރައްވަނީ އެ ބޭފުޅުންގެ ޕެންޝަނަށް ރަނގަޅު އެއްޗެއް ނުލިބޭތީ. އެބޭފުޅުން ވެސް ބޭނުންވާނެ ދެއްތޯ ރަނގަޅުއެއްޗެއް ލިބެން،" ސުޖާއު ވިދާޅުވި އެވެ.
މުވައްޒަފުންގެ ޝަކުވާތައް އިތުރުވުމުން ސުޖާއު ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އޮޅުވާލާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި މައްސަލަ ވަރަށް ރަނގަޅަށް ބަލާނަން. ޕެންޝަންގެ މަގުސަދު އޮޅޭގޮތަށް، ބޭނުން ވެސް އޮޅޭގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނަން. އެ ފަރާތްތައް ބަލަން އަޅުގަނޑުމެން މި އުޅެނީ،" ސުޖާއު ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން އެ މައްސަލަ ބަލަން ނިންމި އިރު އަމިއްލަ އޮފީހެއްގެ ސީނިއާ އެކައުންޓެންޓަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ "އިސްވެރިންގެ އެންގުމުގެ މަތިން އެންމެންގެ އަސާސީ މުސާރަ ވެސް ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ކުޑަކޮށް އުނިކުރި ބައި އެލަވަންސަށް ލައިގެން މުސާރަދެމުން އަންނަތާ ދެތިން މަހެއް ވެދާނެ" ކަމަށެވެ. އެގޮތަށް އެކަންތައް ކުރަންފެށީ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަން ފެށިފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާ އެކު 7000 އަށް ވުރެ ގިނަ މުވައްޒަފުންތިބި އެ ސްކީމްގެ ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.