ފަންސާސް މީހުންނާ އެކު މާފުށިން ފުރައިގެން މާލެ ދަތުރުކުރަމުން އައި މާފުށި ފެރީ، "ހަނދޭގިރި-2" ވާދޫ ކަނޑުން ދަތުރުކުރަމުން އަންނަނިކޮށް އިންޖީނު ހުއްޓިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 09:17 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގިއިރު ފެރީގައި 50 މީހުން ތިބިކަމަށާއި އޭގެތެރޭގައި 10 ގެސްޓުން ވެސް ހިމެނޭ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ލޯންޗެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ ފެރީ ކަފު ޖަހާނެ އެހެން އުޅަނދެއް ފެރީގެ ވެރިފަރާތުން އެ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ފެރީގައި ތިބި މީހުންގެ ތެރެއިން އަންހެނުންނާއި ކުދިން އަދި ފަތުރުވެރިން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.