ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ ހުވަދު އަތޮޅާއި އައްޑޫ އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

އެ ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ ދެމެދު ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:15 އިން މެންދުރުފަހު 15:00 އަށެވެ.

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވެފައި ވާތީ، ކަމާބެހޭ އިދާރާތަކުން ވަނީ، އާންމުގޮތެއްގައި ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.