ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ، ކާމިޔާބު އެއް ބަތަލާ ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ފަހު މަންޒަރުތައް ނަގަމުންދާ އިރު ފިލްމުގެ ބޮޑު އިވެންޓެއް އޮންނާނެ ކަމަށް ބަތަލާ ބުނެފި އެވެ.

ސަން ޓީވީގެ މަރިޔާދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިއުމާ ބުނީ އަންނަ މަހުގެ 10 ވަނަ ދުވަހަކީ "ނިވައިރޯޅި"ގެ ޓީމަށް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

އެ ދުވަހު ފިލްމުގެ ޕޯސްޓަރު، ތީމް ލަވަ، ޕްރޮމޯޝަނަލް ލަވަ އަދި އޮފިޝަލް ޓްރެއިލާ ވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނިއުމާ ބުންޏެވެ.

"ހަމަކުޑަ ވަގުތުކޮޅަކަށް އިންތިޒާރުކޮށްލަންވީ. އޮގަސްޓް 10 އަކީ ބޮޑު ދުވަހެއް. ވަރަށް ހާއްސަ ސައިޕްރައިޒެއް ވެސް އިވެންޓްގައި ހާމަކޮށްލާނެ،" ކާމިޔާބު ބަތަލާ ބުންޏެވެ.

ކެމެރާ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމު "ނިވައިރޯޅި"ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދިން އިންޓަވިއުގައި ނިއުމާ ބުނީ ފިލްމާ ދޭތެރޭ ބެލުންތެރިން ހިތްހަމަޖެހޭނެ ކަމަށާއި ފިލްމުގެ އެއްވެސް މަންޒަރެއް ބެލުންތެރިން "ޑިސަޕޮއިންޓް" ކޮށް ނުލާނެ ކަމަށެވެ.

ފިލްމުގެ މަންޒަރެއް--- ފޮޓޯ/ ފޭސްބުކް

ނިއުމާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގިނަ ދުވަސްތަކަކަށް ފަހު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ހުރިހާ މަސައްކަތްތަކާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ހުރިހާ މަސައްކަތް ވެސް ކުރިއަށްދަނީ ޝެޑިއުލް އާ އެއްގޮތަށް ކަމަށާއި ހުރިހާ ކާސްޓުންގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ނިއުމާ ބުންޏެވެ.

ނިއުމާ ބުނީ "ނިވައިރޯޅި"ގެ ޝޫޓިން ކުރިއަށް ދިޔައިރު އިނގުރައިދޫ އަދި އުނގޫފާރުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

ބޮޑު ކާސްޓަކާ އެކު "ނިވައިރޯޅި"ގެެ ފަހު މަންޒަރުތައް ޝޫޓްކުރަމުން އަންނައިރު ފިލްމުގެ ޕްރޮޑަކްޝަން އާ ހަވާލުވެ ހުރި ކުޅަދާނަ ބަތަލާ ފާތިމަތު ޒީނަތު (ޒީތު) ބުނީ ގިނަ ދުވަސްތަކަކަށް ފަހު ބޮޑު ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމުން ހިތްހަމަޖެހުން ލިބުނު ކަމަށެވެ.

"މި ފިލްމް ވާނެ ވަރުގަދަ ފިލްމަކަށް. ކާސްޓުން ވެސް ވަރަށް އެކުވެރިކޮށް މަސައްކަތް މިކޮށްލީ. ވަރަށް ހަމަޖެހިލައިގެން ހިތްހަމަޖެހިގެން ކުރެވޭ މަސައްކަތެއް މިއީ. ވަރުގަދަ ޓީމެއް މިއީ،" ޒީތު ބުންޏެވެ.

"ނިވައިރޯޅި" ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

"މިހާރު މި ކުރިމަތި ވަނީ ރިޔާސީ އިންތިހާބު. ވަރަށް ފޯރިގަދަ ވާނެ. ހިތަށް އެރީ އެ ފޯރިއާ އެކީ ފިލްމު ރިލީޒްކޮށްލާނީ އޭ. މުޅި ޓީމާ ވެސް ވާހަކަ ދައްކައިގެން ތާރީހު ފައިނަލް ކުރީ. ފޭނުންނަށް ޓަކައި ރިސްކެއް މިނެގީ،" އިންޑަސްޓްރީގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ބަތަލާ މީގެ ކުރިން ސަން އަށް ބުންޏެވެ.

މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ މަހުގެ 19ގަ އެވެ.

އެ ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީ އެވެ.