އެތެންސް(ޖުލައި 24): ގްރީސްގެ ޖަންގަލިތަކުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން 20 މީހަކު މަރުވެއްޖެއެވެ.

ގްރީސްގެ ސަރުކާރުން ބުނި ގޮތުގައި ގިނަ މީހުން މަރުވެފައި ވަނީ ވެރިރަށް އެތެންސްގެ އިރުއުތުރުގައި އޮންނަ މަޓީ ރިޒޯޓުގައެވެ. އަދި އެމީހުން މަރުވީ ގޭގައި ނުވަތަ ކާރުގައި ތާށިވުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ އިތުރުން، އެ އަލިފާންގަނޑުގެ ސަބަބުން 104 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި 16 ކުޑަކުދިން ހިމެނޭ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރަސް ވަނީ އެ އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ހުރިހާ ފައުޖުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެތެންސްގެ ވަށައިގެންވާ އަޓިކާ ރީޖަންގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ގްރީސްގެ ސަރުކާރުން މިހާރު ވަނީ އެއަލިފާންގަނޑު ނިއްވުމަށް ޔޫރަޕްގެ ގައުމުތަކުގެ އެހީއަށް އެދިފައެވެ. އަދި އިޓަލީ، ޖަރުމަނު، ޕޮލެންޑު އަދި ފްރާންސުން ވަނީ އެމަސައްކަތަށް މަތިންދާބޯޓާއި، އެހެނިހެން އުޅަނދުތަކާއި ފަޔާފައިޓަރުން ފޮނުވާފައެވެ.

އެއީ 2007 ވަނަ އަހަރު ގްރީސްގެެ ޖަންގަލިތަކުގައި ރޯވެ، 84 މީހަކު މަރުވި ފަހުން އެގައުމުގައި ހިނގި އެންމެ ނުރައްކާތެރި އެފަދަ ހާދިސާއެވެ. (ބީބީސީ)