ހުޅަނގު އައްސޭރީގައި ހުންނަ ރަށެއް ކަމަށްވާ ބެލްތަހެމްގައި އިސްރާއީލު ސިފައިން ހިންގި ރެއިޑެއްގައި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އިސްރާއީލު ސިފައިން ބެތްލަހެމްގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި ކުރިއަށް ގެންދިޔަ ރެއިޑުގައި މަރާލާފައި ވަނީ އުމުރުން 15 އަހަރުގެ އަރްކަން ތާއިރު މިޒްހަރު ނަމަކަށް ކިޔާ ކުއްޖެކެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ވަނީ އެ ރެއިޑުގައި މީހުން ދިރިއުޅޭ ގެތައް ބަލައި ފާސް ކޮށްފައެވެ. އަދި އެ ރެއިޑުގައި ލައިވް އެމިއުނިޝަން، ޓިއާ ގޭސް އަދި ސްޓަން ގްރެނޭޑު ބޭނުން ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވަފާ ނިއުސް އެޖެންސީ އިން ރިޕޯޓުކޮށްފައި ވަނީ އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި އަރްކަންގެ އިތުރުން ދެ ޒުވާނަކަށް ޒަހަމްވި ކަމަށެވެ. އެ ދެ ޒުވާނުންގެ ފަޔަށް ސިފައިން ބަޑި ޖެހި ކަމަށްވެއެވެ.

ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެ އިސްރާއީލު ސިފައިން ކުރިއަށް ގެންދިޔަ އެ ރެއިޑުގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ސިފައިންނަށް ގަލާއި އަލިފާން ގްރެނޭޑުން ހަމަލާ ދިން ކަމަށެވެ.

ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު އެކަނި އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އެގައުމުގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 30 ކުޑަ ކުދިން މަރުވެފައިވެއެވެ. 2017 ވަނަ އަހަރު އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި މަރުވެފައި ވަނީ 15 ކުދިންނެވެ. (އަލްޖަޒީރާ)