މިދިޔަ ހޯމަ ދުވަހު މ. ޕީޔާޖީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހި، ފުއްޕާމެއަށް ދުމުގެ އަސަރު ކޮށްގެން ސީރިއަސް ހާލުގައި އޮތް މަޖީދިއްޔާ ސްކޫލްގެ ދަރިވަރު އަލީ ނިޔާޒު، 16 މިއަދު ހަވީރު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާޒް މަރުވީ މިއަދު ހަވީރު 4:15 އެހާކަންހާއިރު ކަމަށެވެ. އަދި ނިޔާޒް މަރުވީ އޭނާ ނޭވާ ލަމުންދިޔަ މެޝިން ނުވަތަ ވެންޓިލޭޓާ ނެގުމުގެ ސަބަބުން ކަމަށާއި އެ ގޮތަށް ޑޮކްޓަރުން އަމަލު ކުރީ އާއިލާގެ ރުހުމާއެކު ކަމަށް ޒީނަތު ވިދާޅުވި އެވެ.

"ވެންޓިލޭޓާ ނެގުމުން އޭނަ މަރުވީ. އާއިލާއިން އެދިގެން އެގޮތަށް އަޅުގަނޑުމެން އަމަލުކުރީ، އުންމީދު ކަނޑާލާފަ އޮތީމަ،" ޒީނަތު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ނިޔާޒްގެ ފުއްޕާމެއަށް ދުމުގެ އަސަރުކޮށްފައި ވުމުން އޭނާގެ ހަށިގަނޑު ދުޅަވެ، ސިކުނޑި ރަތްވެފައި ވުމުން ޑޮކްޓަރުން ވަނީ އޭނާ ދިރިއޮންނާނެ ކަމާ މެދު ސުވާލު އުފައްދާފަ އވެ. އެނާއާ މެދު ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އިތުރު ފަރުވާއަށް ނިޔާޒް ރާއްޖެ އިން ބޭރަށް ފޮނުވަށް އުޅުމުން ޑޮކްޓަރުން އެކަމާ ފަސްޖެހޭ ކަމަށް ވެސް އާއިލާ އިން އިއްޔެ ބުންޏެވެ.

ޕިޔާޖީގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދެ މީހަކު މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗަށް ގެންދިޔަ އެވެ. ނިޔާޒްގެ އިތުރުން ހޭނެތިގެން ގެންދިޔަ އެ އާއިލާގެ އެހެން މީހަކަށް ފަރުވާދިނުމަށް ފަހު އެ ދުވަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ. ޕިޔާޖީގޭގައި އަލީފާނުގެ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވާލާފަ އެވެ.

http://www.youtube.com/watch?v=zDX9S8vrLwA