24 Jul 2018, 09:26
މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ގޫގުލްގެ މައި ކުންފުނި، އަލްފަބެޓަށް 32.7 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަލްފަބެޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ކުރިން އެ ކުންފުނިން، ޖޫން މަހު ނިމުނު ކުއާޓަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައި ވާ ވަރަށް ވުރެ ބޮޑު އާމްދަނީއެކެވެ. އަދި މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރ،ެ މި އަހަރުގެ އާމްދަނީ ވަނީ 26 ޕަސެންޓް އިތުރުވެފައެވެ.
އާމްދަނީ އިތުރުވި އިރު، ދެ ވަނަ ކުއާޓަރުގެ ފައިދާ އުޅެނީ 3.2 ބިލިޔަން ޑޮލަރުގައެވެ. ފައިދާ ދަށްވީ، ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުގެ މައްސަލާގައި އީޔޫއިން އެ ކުންފުނި ރެކޯޑް އަދަދެއް ކަމަށްވާ ފަސް ބިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމުންނެވެ.
ޖޫރިމަނާ ދައްކަން ނުޖެހުންނަމަ، ދެ ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 8.3 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބޭނެއެވެ.
އީޔޫގެ ޖޫރިމަނާ އާ އެކު އަލްފަބެޓުގެ ހިއްސާގެ އަގު ދަށްވެގެން ދިޔަ ނަމަވެސް، ދެ ވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ރޭ އާންމުކުރުމާ އެކު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ފަސް ޕަސެންޓް އިތުރުވެފައެވެ.