ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ރެޑީ"ގެ ސީކުއަލް އެއް ހަދަން ނިންމައިފިއެވެ.

ދެހާސް އެގާރަ ވަނަ އަހަރު އަނީސް ބަޒްމީ ޑައިރެޓްކުރި، ބުޝަން ކުމާރް ޕްރޮޑިއުސްކުރި އެ ފިލްމުގެ ދެވަނަ ބައެއް ހަދާނެ ކަމުގެ ޔަގީންކަން ޕްރޮޑިއުސަރު ވަނީ ދީފައެވެ.

"ބާރަތު"ގެ ޝޫޓިން ނިންމުމަށްފަހު ދެން އެންމެ އަވަހަށް ފަށާނީ "ރެޑީ"ގެ ދެވަނަ ބައިގެ މަސައްކަތް ކަމަށްވެސް ބައެއް ޚަބަރުތައް ބުނެއެވެ.

"ސަލްމާން ގާތަށް ގޮސް ސީދާ އަދި ނުބުނަން ފިލްމުގެ ދެވަނަ ބައެއް ހަދަނީ އޭ. މިހާރު ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދަނީ. ތާރީހެއް ފައިނަލްކޮށްފައި ސަލްމާން ކައިރިއަށް ދާނީ. ދެވަނަ ބައިގައި ވެސް ސަލްމާން ފެންނަން ބޭނުމީ،" ބުޝަން ކުމާރް ބުންޏެވެ.

ސަލްމާން އާ އެކު ފިލްމުގައި އަންހެން ލީޑުން ފެނިގެންދިޔައީ އާސިން އެވެ. ރެޑީއަކީ ބޮލީވުޑްގައި ވަރަށް ކާމިޔާބުވެގެންދިޔަ ފިލްމެކެވެ.

ތެލެގޫ ފިލްމެއްގެ ރީމޭކިންއަށް ތައްޔާރުކުރި "ރެޑީ" އަށް ބޮކްސް އޮފީހުގައި 28 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.