24 Jul 2018, 00:03
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިންތިޚާބު މޮނީޓާ ކުރުމަށްް އެދި ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކުކަމުގައި ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިލެކްޝަންސްގެ އިއުލާނުގައި ވެއެވެ. އަބްޒާވަރަށް ވުމަށް އެދޭ މީހާއަކީ ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ސިޔާސީ ޕާޓީތަކަުގެ އޮބްޒާވަރުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަޅަން ޖެހެނީ މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓަށެވެ.
ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީން ނުވަތަ އެ ޖަމްޢިއްޔާއަކުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކާއިއެކު ހުށަހަޅަންވާނެ ކަމަށާއި އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.
އިއުލާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަކަށް ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ. އަދި އިންތިޚާބު މޮނީޓާ ކުރުމަށްް އެދޭ ފަރާތްތަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.