ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ބައެއް ރިސޯޓުތަކުން ވޯޓު ފޮށި ބަހައްޓަން ދެކޮޅު ހެދި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ "ސަން" އަށް ވިދާޅުވީ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ދެކޮޅު ހެދުމަކީ މިފަހަރު އެކަނި ދިމާވި މައްސަލައެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި އޭރު ކޮމިޝަނުން މަސައްކަތް ކުރީ 100 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަމަށެވެ. ނަމަވެސް ބައެއް ރިސޯޓުތަކުން ދެކޮޅު ހެދުމުން ވޯޓު ފޮށި ބަހައްޓަން ނިންމީ 56 ރިސޯޓެއްގައި ކަމަށާއި ރީ ރަޖިސްޓްރޭޝަނަށްފަހު ވޯޓު ފޮށި ބެހެއްޓީ 42 ރިސޯޓެއްގައި ކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކުރަމް މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުން މަދުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ބަހަނާ ކަމަށާއި ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު 2013 ވަނަ އަހަރު ވިދާޅުވެފައި ވަނީ ބައެއް ރިސޯޓުތަކުން ވޯޓު ފޮށި ބަހައްޓަން ދެކޮޅު ހަދާ ކަމަށެވެ. އެހެންކަމުން އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވޯޓުލާން ޖެހޭނީ އެ ރިސޯޓަކާ އެންމެ ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށަކަށް ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން 27 ރިސޯޓަކުން ދެކޮޅު ހެދި ކަމަށެވެ.