އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފަށާ އިރު، ގިނަ ވިޔަފާރިވެރިންތަކެއް ތިބީ އެކަމާ ކަންބޮޑުވެފަ އެވެ. ޓެކްސްގެ ނިޒާމަށް ތައްޔާރުވުމަށް ލިބުނު ވަގުތުކޮޅު ކުޑަވުމާއި، އެކަމާ ގުޅޭ މައުލޫމާތު ނެތުމާއި އަދި ހިސާބުތައް ބެލެހެއްޓުމަށް އިތުރު ހަރަދުތަކެއް ކުރަން ޖެހުމަކީ ހައްތަހާވެސް ވިޔަފާރިވެރިންގެ ޝަކުވާތަކެވެ.

ނަމަވެސް، އެކަންކަމަށް ވުރެ ބޮޑަށް ވިޔަފާރިވެރިން ހާސްވަނީ ޓެކްސްގެ ނިޒާމުން ކުރިއަށް އޮތް ދުވަސްތަކުގައި މުޅި އިގުތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު އެވެ. ބައެއް މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ގުޑްސް އެންޑް ސާވިސަސް ޓެކްސް )ޖީއެސްޓީ( ތައާރަފްކުރުމުން ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ދިވެހި ވިޔަފާރިވެރިންގެ ހަޒާންދާރު އަހްމަދު އަދީބު ވިދާޅުވި ގޮތުގައި، ޖީއެސްޓީ ނަގަން ފަށާއިރު އިމްޕޯޓް ޑިއުޓީ އުނިކުރުމުގެ ބިލު ފާސްކޮށްފައި ނެތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން އިމްޕޯޓް ޑިއުޓީ އާއި ޖީއެސްޓީ އެކީގައި ނަގަން ފެށުމުން އަމަލުކުރަން ފެށޭނީ "ޑަބަލް ޓެކްސޭޝަން" ސިސްޓަމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިހާރުވެސް ޑޮލަރުގެ އަގުބޮޑުވުމާއި ޑޮލަރު ލިބުން ދަތިވެ، އަދި އަގުތައް މައްޗަށް ދާ ރޭޓް 13 ޕަސަންޓަށް އަރާފައިވާއިރު، އެފަދަ ގޮންޖެހުންތައް ހައްލުނުކޮށް ޑަބަލް ޓެކްސޭޝަން ސިސްޓަމަކަށް އަމަލުކުރަން ފެށުމަކީ ތަކެތީގެ އަގުތައް އިތުރަށް ބޮޑުވެ، ވިޔަފާރިވެރިންނަށާއި އަދި ރައްޔިތުންނަށް ބޮޑެތި މައްސަލަތަކަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮންޖެހުންތައް ހައްލު ނުކޮށް ތަހުލީލު ކުރުމަށް ޑަބަލް ޓެކްސޭޝަންގެ ޕީރިއަޑެއް އައުމަކީ ވަރަށް ބޮޑަށް ތަކެތީގެ އަގުތައް ބޮޑުވެ އާއްމުންނަށާއި ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ދިމާވާނެ ކަމެއް. މާނައަކީ އިންފްލޭޝަން އިތުރަށް މައްޗަށް ދާނޭ،" މާލީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަދީބް ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި، އިމްޕޯޓް ޑިއުޓީ ކަނޑާނުލައި، ޖީއެސްޓީ ނަގަން ސަރުކާރުން މަސައްކަތްކުރުމުން ދޭހަވަނީ ރަނގަޅަށް ދިރާސާތައް ކޮށްފައިނުވާކަން ކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ ޖީއެސްޓީއާއި އިމްޕޯޓް ޑިއުޓީ އެއްކޮށް ނަގައި ޖީއެސްޓީއަށް ލިބޭ މިންވަރު ބަލަން. މާނަޔަކީ ކުރަންވާ ވަރަށް ސަރުކާރުން ދިރާސާ ކޮށްފައެއް ނެތޭ. އަދި ސަރުކާރަށް ކޮންފިޑެންސެއް ވެސް ނެތޭ މިހާރު އޮތް ގޮތަށް ޖީއެސްޓީ ނަގައިފަ، އިމްޕޯޓް ޑިއުޓީ ކަނޑާލައިގެން ދައުލަތުގެ އާމްދަނީ ހަމަޖެހޭނެ ކަމެއް. މިހާރު ހުށަހަޅައިފަ އޮތް ގޮތުން ވެސް އެންމެ އަވަހަށް ވެސް އިމްޕޯޓް ޑިއުޓީ ކަނޑާލެވެން އޮތީ ޖެނުއަރީ 2012 ގައި. އެހެންވެ، ޑަބްލް ޓެކްސް ނަގައިގެން ތަހުލީލު ކުރުމުގެ މަރުހަލާއެއް އެބައާދޭ،" އަދީބު ވިދާޅުވި އެވެ.

ނަމަވެސް، މި ތަހުލީލު މަރުހަލާގައި އެކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ޖީއެސްޓީއަަށް ނަގައި މިންވަރު ތަކެތީގެ ނުވަތަ ހިދުމަތުގެ އަގަށް ވިޔަފާރިވެރިން އިތުރުކުރުމުން އެ ފައިސާ ދައްކަން ޖެހޭނީ މުދާ ގަންނަ ނުވަތަ ހިދުމަތް ހޯދައި ފަރާތްތަކުން ކަމަށް ވާތީ އެވެ.

މިހާރު ޖީއެސްޓީ ގާނޫނުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ ތެރޭ ވިއްކައި މުދަލާއި ހިދުމަތުގެ އަގު އެއް މިލިއަން ރުފިޔާއަށް އަރާ ކޮންމެ ވިޔަފާރިއަކުން ކުރިއަށް އޮތް ތިން މަހު 3.5 ޕަސަންޓް ޖީއެސްޓީ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭނެ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުން އެ އަހަރުގެ ޑިސެމްބަރަށް ހަ ޕަސަންޓް ދައްކަން ޖެހޭނެ އެވެ. މާނައަކީ އަންނަ އަހަރުން ފެށިގެން ކޮންމެ 100ރ. ގެ ވިޔަފާރިއަކުން އިތުރު 6ރ. ގަންނަ ފަރާތުން ދައްކަން ޖެހުމެވެ.

"ޖީއެސްޓީއަކީ ވިއްކާ އަގުގެ އިތުރަށް، އެ އަގުގެ ހަ ޕަސަންޓް ގަންނަ ފަރާތުގެ އަތުން، ދައުލަތަށް ވިޔަފާރިވެރިން ނަގައިދޭ އެއްޗެއް. އެހެންކަމުން ކުރާ 100ރ.ގެ ވިޔަފާރިން ޖީއެސްޓީ ނެގޭ މުދާތަކުން ހަ ރުފިޔާގެ ޖީއެސްޓީއަކާ އެކީގައި މުޅިއެކު 106ރ. ]ގަންނަ ފަރާތުން[ ދައްކަން ޖެހޭނެ. އެހެންވެ، އެއްގޮތަކަށްވެސް މިއީ ވިޔަފާރިތަކުން ނެގޭ ޑައިރެކްޓް ޓެކްސްއެއް ނޫން. މިއީ އާއްމު ފަރާތްތަކަށް ޕާސް ކުރެވޭ އެންމެ ރިގްރެސިވް އިންޑައިރެކްޓް ޓެކްސް އެއް،" އަދީބް ވިދާޅުވި އެވެ. "މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، އެންމެ ބޮޑަށް ގެއްލުންވާނީ ރައްޔިތުންނަށް،"

ނަމަވެސް، ތަކަތީގެ އަގުބޮޑުވުމަކީ ވިޔަފާރިތަކަށް ގެއްލުންވާ ކަމެކެވެ. ގިނަ ބަޔަކަށް ލިބޭ އުޖޫރައިން މިހާރުވެސް ދޮކޮޅު ނުޖެހިގެން އުޅޭއިރު އިގުތިސާދުގައި މުދަލާއި ހިދުމަތްތަކުގެ އަގުބޮޑުވެގެން ދިއުމަކީ އިގުތިސާދުގައި އޮންނަ ޑިމާންޑް ކުޑަވެގެންދާނެ ކަމެއް ކަމަށް އަދީބް ވިދާޅުވި އެވެ.

"ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަގުތައް މައްޗަށް ދިޔުމާއި އަދި އިގުތިސާދުގައި ހުރި މައްސަލަތަކުން އެގްރިގެޓް ޑިމާންޑް ދަށްވެ، މުޅި ވިޔަފާރިތައް ދަށްވެ ދިއުން." އަދީބް ވިދާޅުވި އެވެ. "މިގޮންޖެހުންތަކާ އަދި މިފާސްކުރަމުންދާ ޓެކްސް ބިލުތަކުގެ މައުލޫމާތު އަދި އިމްޕޯޓް ޑިއުޓީ ކަނޑާލުން ފަސްކުރެވިފައިވާ އަދި ފޮރިން އިންވެސްޓްމަންޓް ގާނޫނު އުވާލަން މަސައްކަތް ކުރެވޭތީ އަޅުގަނޑުމެންގެ މެމްބަރުންގެ ހިޔާލާއި ފިކުރު އެބަ ބޭނުންވޭ. އަޅުގަނޑުމެން ނިންމައިފަ އޮތީ މެމްބަރުންނާއެކީ ބައްދަލުވުންތަކެއް ބާއްވަން. އަޅުގަނޑުމެން ހުށަހެޅި ބައެއް ބަދަލުތައް ސަރުކާރުން ވަނީ ގެންނަވައިފަ. އެކަމަކު އަދިވެސް އެބަހުރި ބައިވަރު ކަންބޮޑުވުންތައް އަޅުގަނޑުމެންގެ. އެކަން ދާނީ ސަރުކާރާއި މަޖިލީހަށް ހުށަހަޅަމުން،" އަދީބް ވިދާޅުވި އެވެ.

ޖީއެސްޓީ ބިލު ހުށަހެޅިއިރު ސަރުކާރުން ވަނީ އިމްޕޯޓް ޑިއުޓީ ކަނޑާލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ނަމަވެސް، އެ ބިލު އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ޑީއާރްޕީގެ މެމްބަރު، މަޖިލީހުގެ ކެލާ ދާއިރާގެ އަބްދުﷲ މައުސޫމް ބުރާސްފަތު ދުވަހުގެ ރޭ ވިދާޅުވީ، އިމްޕޯޓް ޑިއުޓީ އާއި ޖީއެސްޓީ އެކީގަ ނަގަން ފެށުމުން ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އަންނަ ދައުރުގައި މަޖިލީހުން އެ ބިލު ފާސްކުރާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. ނަމަވެސް، ބިލު ފާސްކުރާއިރު ވަކި ބަޔަކަށް ފައިސާ ހޯދައިދޭން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރާނެ ކަމުގައި ވިދާޅުވި އެވެ.

ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޓެކްސް ނެގުން މުހިންމެވެ. ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކޮށްގެން ޑެފިސިޓް ފޫބެއްދުން ވެސް މުހިންމެވެ. ނަމަވެސް، އެއްފަހަރާ ގިނަ ޓެކްސްތައް ނަގަން ފަށާއިރު ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ދިރާސާކުރެވިފައިވާނީ ކިހާވަރަކަށްތޯ ސުވާލު އުފެދެ އެވެ. މިހާރުވެސް އިގިތުސާދީ ގޮތުން ރައްޔިތުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުކޮށް ޓެކްސް ނަގަން އަންނަ މަހު ފެށުމުން ރައްޔިތުންނަށް ފައިދާވުމަށްވުރެ ބޮޑަށް ގެއްލުން ވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.