ރާމަﷲ (ޖުލައި 23) : އިސްރާއީލަކީ ޔަހޫދީ ގައުމިއްޔަތަށް ނިސްބަތްވާ މީހުންނަށް ޚާއްސަ ގައުމެއްކަމަށް ބުނެ އިސްރާއީލުގެ ޕާލަމެންޓުން ފާސްކޮށްފައިވާ ގާނޫނުގެ ނުރައްކާތެރިކަމާބެހޭގޮތުން ދުނިޔޭގެ ގައުމުތަކާ ވާހަކަ ދައްކަމުން ގެންދާކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު އުރައިގާތު ވިދާޅުވި އިސްރާއީލަކީ ހަމައެކަނި ޔަހޫދީ ދަރިކޮޅުގެ މީހުންނަށް ޚާއްސަ ގައުމެއްކަމަށް އިސްރާއީލުގެ ޕާލަމެންޓުން ގާނޫނެއް ފާސްކުރިއިރު ޚުދު އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްތިއްމާރީ ދައުލަތެއް ކަމުގައެވެ. އިސްރާއީލުގެ މިގާނޫނަކީ ސައްތައިން ސައްތަ ނަސްލީ އިމްތިޔާޒުގެ ގާނޫނެއްކަމަށާ އެކަން ދުނިޔޭގެ އެތަށް ގައުމަކުން ގަބޫލުކުރާ ކަމަށް އުރައިގާތު ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިމުގެ ބައެއްގައި އުފައްދާފައިވާ އިސްރާއީލުގައި ޔަހޫދީންގެ އިތުރުން އަރަބިންވެސް ރައްޔިތުންގެ ގޮތުގައި ދިރިއުޅެއެވެ. އިސްރާއީލުގެ އަރަބި ރައްޔިތުންގެ ގޮތުގައި އެގައުމުގައި ދިރިއުޅެނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދިއިރު އަމިއްލަ ވަޒަނުން ބޭރުކޮށްނުލެވި ތިބި ފަލަސްތީނު މީހުންނާއި ދުރުޒީންނެވެ. ދުރުޒީންނަކީވެސް އަރަބި ދަރިކޮޅަށް ނިސްބަތްވާ ގަބީލާތަކެއްގެ ބައެކެވެ. މިބައިމީހުން އިސްރާއީލުގެ އިތުރުން ލުބްނާނާއި ސޫރިޔާގައިވެސް ދިރިއުޅެއެވެ.

އިސްރާއީލުގެ ޕާލަމެންޓުން މިދިޔަ ހަފްތާގައި ފާސްކޮށްފައިވާ ޔަހޫދީ ގައުމިއްޔަތުގެ ގާނޫނު ބުނާގޮތުން އިސްރާއީލަކީ ހަމައެކަނި ޔަހޫދީ ދަރިކޮޅުގެ މީހުންނަށް ޚާއްސަ ގައުމެކެވެ. މިގާނޫނުގެ ބޭނުމަކީ އިސްރާއީލުގެ އަރަބި ދަރިކޮޅުގެ މީހުން އިސްރާއީލުން ބޭރުކޮށްލުމާއި ބޭރުގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ފަލަސްތީނުގެ 8 މިލިޔަން މީހުންނަށް އެމީހުންގެ ވަޒަނަށް އެނބުނރި ރުޖޫއަވުމުގެ ހައްގުން މަހްރޫމް ކުރުންކަމަށް ޑރ. ސާއިބު އުރައިގާތު ވިދާޅުވިއެވެ.

މިހާ ނަސްލީ އިމްތިޔާޒުގެ ގާނޫނެއް އިސްރާއީލުން ފާސްކުރުމުންވެސް އެކަމާދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހަރަކާތްތެރި ނުވުމުން ހުޅަނގުން އިންސާނީ ހައްގުތަކުގެ ނަމުގައި ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތު ބޭޒާރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އިސްރާއީލުގެ މި ގާނޫނަކީ އދ. ގެ ޗާޓަރާ އަދި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ޑެކްލަރޭޝަނާ މުޅިން ޚިލާފު އެއްޗަކަށްވާތީ އުރައިގާތުވަނީ އދ. ގެ މެންބަރެއްގެ ގޮތުގައި އިސްރާއީލު އޮންނަ އޮތުމާމެދު ސުވާލު އުފައްދަވާފައެވެ.

ދުނިޔޭގެ އެތަށް ގައުމަކުންވަނީ އިސްރާއީލަކީ ހަމައެކަނި ޔަހޫދީ ގައުމިއްޔަތަށް ނިސްބަތްވާ މީހުންނަށް ޚާއްސަ ގައުމެއްކަމަށް ބުނެ އިސްރާއީލުގެ ޕާލަމެންޓުން ފާސްކޮށްފައިވާ ގާނޫނު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އެ ގާނޫނުގެ ސަބަބުން އިސްރާއީލުގެ އަރަބި ދަރިކޮޅުގެ ރައްޔިތުންގެ ރަށްވެހިކަމުގެ ހައްގު ގެއްލި ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތައް ގެއްލިގެންދާނެއެވެ. އަދި އެގާނޫނުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސްގެން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ވަޒަންވެރި ކުރުވުމުގެ ފުރްސަތު މިހާރަށްވުރެ ބޮޑަށް އިސްރާއީލަށް ލިބިގެންދާނެކަމަށް ފަލަސްތީނުން ބުނެއެވެ.

މި ގާނޫނަކީ ނަސްލީ އިމްތިޔާޒް ގެ ގާނޫނަކަށްވާތީ ބައިނަލްއަގްވާމީ މުޖްތަމައުގެ ފާޑުކިޔުންތައްވެސް އިސްރާއީލަށްވަނީ އަމާޒުވެފައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕުން އިސްރާއީލުގެ އަނިޔާވެރިކަން ހިމާޔަތްކުރާތީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ. އިސްރާއީލުން މިގާނޫނޫ ފާސްކޮށްފައި މިވަނީ އަރަބި ބައެއްގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އަރަބި ދުނިޔެ ބަލިކަށިވެފައިވާ ހާލަތުން ނާޖާއިޒު ފައިދާ ނަގައިގެން ކަމަށް އުރައިގާތު ވިދާޅުވިއެވެ.

އިސްރާއީލުންވަނީ ފަލަސްތީނުގެ ބިމެއްކަމަށްވާ އިރުމަތީ ގުދްސަކީވެސް އިސްރާއީލުގެ ބިމެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ޔޫރަޕުން އިސްރާޢީލާ ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނުވާއިރު އެމެރިކާ ވަނީ އިސްރާއީލުގެ މި ޣައިރު ގާނޫނީ ނިންމުން ދިފާއުކޮށް އެކަމަށް ހިއްވަރު ދިނުމުގެ ގޮތުން އެމެރިކާގެ އެންބަސީވެސް ގުދްސަށް ބަދަލުކޮށްފައެވެ. (ނޫސްއެޖެންސީތައް)