23 Jul 2018, 19:59
ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްއްޔޫމު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އއ. ފެރިދޫ ހާލި، އަލީ ނަޝާތު އެމަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާ ބެހޭ ކޮމެޓީ އިން ފާސް ކޮށްފިއެވެ.
އީސީގެ މެންބަރު ކަމަށް ނަޝާތުގެ ނަން ދިރާސާ ކުރުމަށް ބޭއްވި މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ނަޝާތުއާ އިންޓަވިއު ކުރުމަށްފަހު ކޮމެޓީގެ މެންބަރުން ދެއްވި މާކްސް އިން އޭނާ އަށް 75 ޕަސެންޓަށް ވުރެ ގިނަ މާކްސް ލިބިލައްވާފައިވާތީ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމެޓީ އިން ނިންމާފައިވާ ކަމަށެވެ.
ނަޝާތު މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުން ވޯޓު ދެއްވިއެވެ.
ނަޝާތު މިހާރު މަސައްކަތް ކުރައްވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.