23 Jul 2018, 21:45
އެތައް ހާސް ކުދިންނަކަށް ފޭކް ވެކްސިނެއް ދިން މައްސަލަ ޗައިނާ ގައި ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވުމާއެކު ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ މި އަމަލު ކުށްވެރި ކުރައްވާ މައްސަލަ ތަހުގީގު ކުރުމަށް އަންގައިފައެވެ.
އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ މި މައްސަލައިގެ ތަހުގީގު ފަށައިފައެވެ. އެގޮތުން "ޗަންގްޗުން ޗަންގްޝެން ބަޔޯޓެކްނޮލަޖީ" ގެ ނަމުގައި ހިންގާ ވެކްސިން އުފައްދާ ކުންފުންޏަކުން އުފައްދާފައިވާ ވެކްސިންގެ ތެރެއިން މިހާތަނަށް ނުވިކިހުރި ވެކްސިންތައް ނެގުމަށް ވަނީ މަސައްކަތް ފަށައިފައެވެ.
އެކުންފުނީގެ ޗެއާވުމަން ހިމެނޭހެން ކުންފުނީގައި އިސްކޮށް އުޅޭ ފަސް މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާއިރު، ޖިނާއީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ މިހާރު ވަނީ ބަލަން ފަށައިފައެވެ.
އެ ކުންފުނިން އުފައްދާ ގިނަ ވެކްސިންތަކެއް ޗައިނާ ސަރުކާރުގެ މެންޑޭޓަރީ ވެކްސިންތަކުގެ ތެރޭގައި ހިމަނާފައިވާއިރު އެ ކުންފުނީގެ ވެކްސިންތައް ކުދިންނަށް ނުދޭން ވަނީ އަންގައިފައެވެ. "ޗަންގްޝެން" އަކީ ޗައިނާ ބަހުން "ދިގު އުމުރު" އެވެ.
ޗަންގްޝެން ކުންފުނީގެ "ފޭކް ވެކްސިން" ގެ ސަބަބުން ކުދިންގެ ފުރާނަ އަށް ނުރައްކާވަނީތޯ ނުވަތަ ސިއްހީ އެހެން މައްސަލަތަކެއް ދިމާވަނީތޯ އަދި ބުނެފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ޗައިނާގެ އެތައް ރައްޔިތުންނެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. "ގައުމާމެދު އުއްމީދެއް ނެތް" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޗައިނާގެ ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި ޗަންގްޝެން ކުންފުނީގެ ފޭކް ވެކްސިންގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުގެ ތަފްސީލު ސަރުކާރުން އާންމުކުރާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބި ކަމަށް ހަބަރުތައް ބުނެއެވެ.