ދިރާގު ބްރޯޑްބޭންޑް އޭޑީއެސްއެލް ހިދުމަތުގެ ދަށުން އިންޓަނެޓްގެ ހިދުމަތް އަވަސް ސްޕީޑެއްގައި ލިބޭ މުޅިން އާ ދެ ޕެކޭޖެއް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

ދިރާގު ބްރޯޑްބޭންޑް އޭޑީއެސްއެލްގެ ހިދުމަތްތަކުގެ ސްޕީޑް އަވަސްކޮށްދޭ މިޕެކޭޖްތަކަކީ އޭޑީއެސްއެލް އިންޓާނެޓް ބްރޯޑްބޭންޑް ހޯމް 50ޖީބީ އާއި އޭޑީއެސްއެލް އިންޓާނެޓް ބްރޯޑްބޭންޑް ހޯމް 75ޖީބީ އެވެ. އޭޑީއެސްއެލް އަންލިމިޓެޑް 50 ޖީބީގެ ސްޕީޑަކީ ވަންއެމްބީޕީއެސް އެވެ. އެ ޕެކޭޖުގެ އަގަކީ 990ރ. އަދި 75 ޖީބީއަކީ ޓޫއެމްބީޕީއެސްގެ ޕެކޭޖެކެވެ. އެޕެކޭޖްގެ އަގަކީ 1490ރ. އެވެ.

ބްރޯޑްބޭންޑް އޭޑީއެސްއެލްގެ ހިދުމަތްތައް މިހާރު ބޭނުން ކުރާ ފަރާތްތަކުގެ ތެރެއިން އަލަށް ތައާރަފްކުރި ފެކޭޖްތައް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް ކަނެކްޝަން ފީ ދައްކަން ނުޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ. ނަމަވެސް އެހިދުމަތް އަލަށް ހޯދާ ފަރާތްތަކުން ކަނެކްޝަން ފީގެ ގޮތުގައި 500ރ ދައްކަން ޖެހެ އެވެ.

އެހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އަލަށް ތައާރަފް މިޕެކޭޖްތަކަކީ އަވަސް ސްޕީޑެއްގައި ކަސްޓަމަރުންނަށް އިންޓަނެޓްގެ ހިދުމަތް ހޯދައިދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ.

މިޕެކޭޖްތަކާ ބެހޭ މައުލޫމާތު ދެއްވަމުން ދިރާގުގެ މޭނޭޖާ މާކެޓިން ބްރޯޑްބޭންޑް އިބްރާހިމް ރިޔާޒު ވިދާޅުވީ އެ ހިދުމަތުގެ ބޭނުމަކީ ކަސްޓަމަރުންނަށް "ފެއާ ޔޫސް ޕޮލިސީ" އެއް ތައާރަފްކުރުން ކަމަށެވެ. ރިޔާޒު ވިދާޅުވީ މިޕެކެޖްތަކުގެ ތެރެއިން 50 ޖީބީ އާއި 75 ޖީބީގެ ހިދުމަތް ލިބޭނީ ކަނޑައެޅިފައިވާ އެލަވެންސް ހަމަވަންދެއް ކަމަށެވެ. ނަމަވެސް އެލަވަންސް ހަމަވިޔަސް ހިދުމަތް މެދުކެނޑިގެން ނުދާނެ ކަމަށާއި އިތުރު އެއްޗެއް ޗާޖްނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

" އެލަވަންސް ހަމަވުމުން ކުރިން ކަސްޓަމަރުން ބޭނުންކުރި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތެއް ނުލިބޭނެ. އެހެންވެ ކަސްޓަމަރުން ބޭނުންކުރެވޭ މިންވަރު މެނޭޖްކުރުން މުހިންމު،" ރިޔާޒު ވިދާޅުވި އެވެ.