23 Jul 2018, 18:20
މެލޭޝިއާގައި ވޯޓު ލެވޭ އުމުރު ދަށް ކުރަން ނިންމައިފިއެވެ.
އެގައުމުގައި މިިހާރު ވޯޓު ލުމުގެ ހައްގު ލިބެނީ އުމުރުން 21 އަހަރު ވުމުންނެވެ. ނަމަވެސް ޒުވާނުން ބާރުވެރި ކުރުމަށް މިހާރުގެ ސަރުކާރުން ކުރަން ނިންމާފައިވާ ކަންތަކުގެ ތެރެއިން އެ ގައުމުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އުމުރު 18 އަހަރަށް ދަށްކުރަން ވަނީ ނިންމައިފައެވެ.
އެގައުމުގެ ޒުވާނުންނާ ބެހޭ ވަޒީރު ސައްޔިދު ސައްދިގު ވިދާޅުވީ ވޯޓުލެވޭ އުމުރަށް ބަދަލު ގެނައުމަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭތީ އެކަމާ ގުޅޭގޮތުން އެގައުމުގެ އެޓާނީ ޖެނެރަލް އާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭނާ ވުިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް ޑރ. މަހާތީރުގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން ޑިމޮކްރަސީގައި ރައްޔިތުންގެ ބަހަކީ އެންމެ މުހިއްމު އެއް ކަންތަކަށް ވުމާއެކު އެގައުމުގެ ކުރިމަގު ބިނާކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ދޭން ސަރުކާރުން ނިންމީ ކަމަށެވެ.
ވޯޓު ލުމުގެ އުމުރު ދަށް ކުރުމާއެކު އަލަށް ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 3.7 މިލިއަނަށް އަރާނެއެވެ. މެލޭޝިއާގައި ދެން އިންތިޚާބެއް އޮންނާނީ 2023 ވަނަ އަހަރުއެވެ. އޭގެ ކުރިން ވޯޓު ލެވޭ އުމުރަށް ބަދަލު ގެނައުމަށް އެގައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.