ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބު މިނިވަންކަމާ އެކު ދެފުށް ފެންނަ ގޮތަކަށް ބާއްވައި ދިނުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން އޮފީސް ކުރިމަތީގައި މުޒާހަރާ ކޮށް، އަޑުއުފުލައިފި އެވެ.

މިއަދު މެންދުރު 1:30ގައި އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ފެށުމާ އެކު އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ދުރަށް ޖައްސައިފަ އެވެ. މާފަންނު ބިސް ބުރާ ހަމައަށް މީހުން ދުރަށް ޖެއްސި ނަމަވެސް އެ ސަރަހައްދުގައި ތިބެ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އަޑު އުފުލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި މުޒާހަރާ ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިދިކޮޅު ޕާޓީތަކުގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެންބަރުންގެ އިތުރުން އެކްޓިވިސްޓުން ކުރި އެ މުޒާހަރާ ފުލުހުން ވަނީ 2:45 ހާއިރު އެއްކޮށް ރޫޅާލައިފަ އެވެ. ފުލުހުން މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައެއް ނުވެ އެވެ. އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.

މުޒާހަރާ ރޫޅާލުމުން އިދިކޮޅު ޕާޓީތަކުގެ އިސްފަރާތްތައް އެ ސަރަހައްދުގައި ތިބެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އިލެކްޝަންސް ކޮމިޝަނުން މިނިވަން އިންސާފްވެރި އިންތިހާބެއް ނުބާއްވައިފި ނަމަ ދުނިޔެއިން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އޭގެ ކުރިން ސަލާމަތުގެ އައްސާރިއަކަށް ދިއުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި މުޒާހަރާ ކުރުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ގާނޫނުން ބޭރުން އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރަން. ރާއްޖޭގައި އަދުލުވެރިކަން ގާއިމްކޮށް އިންސާފްވެރިކަން ގާއިމްކުރުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު އަހްމަދު ވިދާޅުވި އެވެ.