އައިއެސް ޖަމާއަތާ ގުޅިގެން ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައިވާ ރ. ކަނދޮޅުދޫ، ކަށިމާގެ، އަލީ ޝަފީގު ޖަލު ބަންދުން ދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަަށް ގެންގޮސްފައި ވަނީ އަލީ ޝަފީޤުގެ މައްޗަށް ކޮށްފައިވާ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެ އަޑުއެހުން މިއަދު ބާއްވާފައި ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ނުވަ މަސް ފަހުންނެވެ.

މިއަދުގެ އަޑުއެހުމުގައި ޝަފީގު ޖަލު ބަންދުން ދޫކޮށްލަން އެދި އޭނާގެ ވަކީލު ވިދާޅުވީ، ޝަފީގަކީ ހަކުރުބަލި ހުންނަ މީހެއް ކަމަށާއި އޭނާ ބަލައްހައްޓަން ޖެހޭ އަތްނބަކާއި ކުޑަ ދަރިފުޅެއް ހުންނަ ކަމަށެވެ. އެހެން ކަމުން، އެ ދެމީހުންނަށް ހަރަދުކުރަން މަސައްކަތް ކުރެވޭ ފަދަ ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމަށް ވަކީލު އެދިވަޑައިގަތެވެ.

ޝަރީއަތުގެ އަޑުއެހުން ބާއްވާފައި ވަނީ ނުވަ މަސް ފަހުން ކަން ފާހަގަކޮށް ޝަފީގު ބުނީ އޭނާގެ މައްސަލައިގެ އަޑުއެހުންތައް ނުބޭއްވި ދިގުލައިގެންދާތީ ޝަރުތުތަކެއް ލާފައި ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް އެދޭ ކަމަށެވެ. އަދި އޭނާގެ ފަރާތުން، ދިވެހި ރައްޔިތުންނަށް ގެއްލުންވާ ފަދަ ކަމެއް ނުހިނގާނެ ކަމަށާއި، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ނުހިނގާނެ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، އެކަމަށް އިއުތިރާޒު ކުރަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝަފީގަކީ މީގެ ކުރިން ގޭބަންދަށް ބަދަލު ކުރަން އެދިގެން ގޭބަންދަށް ބަދަލުކުރުމަށް ފަހު ގެއިން ބޭރަށް ގޮސް އުޅެނިކޮށް ފުލުހުން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކާ ހިލާފަށް ކަންތައް ކުރާ މީހެއްކަން މީގެ ކުރިން ކަންތައް ކޮށްފައިވާ ގޮތުން އެނގޭ ކަމަށެވެ.

ގާޒީ ހަސަން ނަޖީބު ނިންމެވީ ދެ ޝަރުތަކާއެކު ޝަފީގު ބަންދުން ދޫކޮށްލުމަށެވެ. އެ ދެ ޝަރުތަކީ މާލެއިން ބޭރަށް ނުދިއުން، އަދި ކޯޓަށް އެއްބާރުލުން ދިނުމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝަފީގުއަށް ދައުވާ އިއްވާފައެވެ. ދައުވާ ސީޣާގައި ބުނެފައި ވަނީ ޝަފީގުގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަމްބަރުގެ ދަށުން ދައުވާކޮށްފައި ވަނީ 20 އޮކްޓޯބަރު 2016 ގައި އޭނާ ދުބާއީއަށް ޗުއްޓީ ހޭދަ ކުރުމަށް ކަމަށް ބުނެ އެގައުމުން ތުރުކީގެ އިސްތަންބޫލަށް ގޮސް، ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. މި ދައުވާއަށް ޝަފީގު ވަނީ އިންކާރުކޮށްފައެވެ.

ޝަފީގުގެ ވަކީލު މައިގަނޑުގޮތެއްގައި ވާހަކަފުޅު ދެއްކެވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ބ) އިން ލާޒިމު ކުރާ ކަންތައް ދައުވާ ސީޣާގައި ނުހިމެނޭ ކަމަށް ބުނެއެވެ. އަދި ސީޣާގައި ބުނެފައި ވަނީ ޝަފީގު ހަނގުރާމައިގައި ބައިވެރިވާން "މަސައްކަތް" ކުރި ކަމަށް ކަމަށާއި މަސައްކަތް ކުރުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަމްބަރުގެ ދަށުން މަނާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސީރިއާގައި ދާހިލީ ހަނގުރާމައެއް ހިނގާކަމެއް އެނގިފައި ނުވާ ކަމަށާއި އެފަދަ ހަނގުރާމައެއް ހިނގާކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ސީރިއާގައި ދާހިލީ ހަނގުރާމައެއް ހިނގާކަން ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގައި ހިމެނޭ ކަންތައްތަކުންނާއި، ޝަފައީ ހެކިވެރިންގެ ހެކިބަހުން ސާބިތުވެގެންދާނެ ކަމަށެވެ. އަދި ޝަފީގަކީ ރާއްޖޭގައި އުޅޭ ދީނީ ހަރުކަށި މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި، އޭނާ ތުރުކީގައި މަޑުކޮށްފައި ވަނީ އައިއެސް ޖަމާއަތުގެ ސޭފް ހައުސްއެއްގައިކަން ސާބިިތުވާނެ ކަމަށެވެ.

ގާޒީ ނަޖީބް ނިންމެވީ އެ މައްސަލަ މަދަނީ މިންގަނޑުން ބެއްލެވޭނެ ކަމަށެވެ. އަދި ދިފާއުން ހެއްކާއި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް އޮތް ނަމަ އެ ތަކެތި ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.