އެމެރިކާ އާއި ޗައިނާގެ "އިގްތިސާދީ ހަނގުރާމަ"އިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ގެއްލުން ވެދާނެ ކަމުގެ އިންޒާރު ދީފި އެވެ.

އެ އިންޒާރު ދިނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމުގެ މައްޗަށް ހިމެނޭ ޖީ20 ގައުމުތަކުގެ ފިނޭންސް މިނިސްޓަރުގެ ބައްދަލުވުމުގަ އެވެ. ރޭ ނިންމާލި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ވަނީ އެ ދެ ގައުމުން ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ގޮވާލާފަ އެވެ.

އެ ގައުމުތަކުން ބުނެފައިވަނީ މި މައްސަލާގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހުމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި އިގްތިސާދީ ދުވެލި މަޑުޖެހިއްޖެ ނަމަ، މި އަހަރަށް ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށް ކުރިއަރައިގެން ނުދާނެ ކަމަށް ވެސް އެ ގައުމުތަކުން ބުނެ އެވެ.

ޖީ20 ގައުމުތަކުގެ އިތުރުން އީޔޫގެ ގައުމުތަކުން ވެސް ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް އެމެރިކާ އާއި ޗައިނާ އަށް ވަނީ ގޮވާލާފަ އެވެ.

މި މައްސަލާގައި އެމެރިކާ އަށް އެންމެ ބޮޑަށް ފާޑުކިޔަނީ ފްރާންސުންނެވެ. އެގޮތުން އެމެރިކާ އިން، ޗައިނާގެ އުފެއްދުންތަކުން ޓެކްސް ނަގަން ފެށީ "ޖަންގަލީގެ ހަމަތަކުން" ކަމަށް ފްރާންސުން ވަނީ ބުނެފަ އެވެ.

އެމެރިކާ އާއި ޗައިނާގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރަން ގައުމުތަކުން ގޮވާލި އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމަސް އެތެރެކުރާ ޗައިނާގެ ހުރިހާ އުފެއްދުމަކުން ޓެކްސް ނަގަން ތައްޔާރުކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އާއި ޗައިނާ އާ ދެ ގައުމަކީ ވެސް ޖީ20 ގައި ހިމެނޭ ދެ ގައުމެވެ.