15 Sep 2011, 16:25
ފަހަކަށް އައިސް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިއާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް އަށް ކުޅުމުގެ ފުރުސަތު ދޭނެ ކަމަށާއި އޭނާއަކީ ޓީމަށް ބޭނުން ހިފޭނެ ކުޅުންތެރިއެއް ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
އަންނަ އާދީއްތަ ދުވަހު ޕްރެމިއާ ލީގުގައި ޗެލްސީއާއި ދެކޮޅަށް ނުކުތުމަށް މުހިންމު ބައެއް ކުޅުންތެރިން ތަކަކަށް އަރާމުކުރުމަށް ވަގުތު ދީފައިވާ މެންޗެސްޓާ ޔުނައިޓެޑު، ޗެމްޕިއަންސް ލީގުގައި ރޭ ބެންފިކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބާބަޓޯވް ބެންޗުން ފެނުނު ނަމަވެސް ބޭނުން ކޮށްފައެއް ނުވެ އެވެ.
އުމުރުން 30 އަހަރުގެ ފޯވާޑް ބާބަޓޯވް ވަނީ މިދިޔަ ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ނަމަވެސް އިނގިރޭސި ފޯވާޑް ވޭން ރޫނީ އާއި މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ބާބަޓޯވް ފެނިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ބެންޗުންނެވެ.
"ގިނަ ފޯވަޑުންތަކެއް ހުރުމުން ފުރަތަމަ އެގާރައަށް ނަގާނެ ކުޅުންތެރިއެއް ހޮވަން ވަރަށް އުނދަގޫ. މިހާރު ބާބަޓޯވްއާ އެކު ފެޑެރިކޯ މަޝެޑާ، މަމޭ ބިރާމް ޑިއޫފްގެ އިތުރުން ރޫނީ އާއި ހެނާންޑޭޒް ވެސް އެބަތިބި. ޑެނީ ވެލްބެކް ވެސް އަންނަ ހަފްތާގައި އަލުން ޓީމާ ގުޅޭނެ. ބާބަޓޯވް ދަނީ ވަރަށް ރަނގަޅަށް ފަރިތަކުރަމުން. އޭނާއަކީ ޓީމަށް ބޭނުން ހިފޭނެ ކުޅުންތެރިއެއް." ފާގަސަން ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ބެންފިކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކީޕަރު ގެހެއާ ބެންޗުން ފެނުނު ނަމަވެސް ޕްރެމިއާ ލީގުގައި ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނަ މެޗުގެ ފުރަތަމަ އެގާރައިން ފެންނާނެ ކަމަށް ކޯޗު ފާގަސަން ބުންޏެވެ. ޗެމްޕިއަންސް ލީގު މެޗުގައި މެން ޔުނައިޓޭޑުގެ ކީޕަރެއްގެ ގޮތުގައި ފެނުނީ އަންދާސް ލިންޑަގާޑް އެވެ.
"ޓީމުގައި ވަރަށް ރަނގަޅު ދެކީޕަރުން އެބަހުރި. އާދީއްތަ ދުވަހު ޗެލްސީ އާ ދެކޮޅަށް ޑެހެއާ ކުޅޭނެ. އަދި ލިންޑެގާޑު އޭގެ އަނެއް މެޗުގައި ލީޑްސް އާ ދެކޮޅަށް ކުޅޭނެ. ޑެހެއާ އަށް ވަރުގަދަ މެޗެއްގެ ތަޖުރިބާ އަންނަ އާދީއްތަ ދުވަހު ލިބިގެންދާނެ." ފާގަސަން ބުންޏެވެ.