ހަނޯއީ (ޖުލައި 23): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ވިއެޓްނާމްގެ އިންފޮމޭޝަން މިނިސްޓަރު ޓްރުއޮންގް މިން ޓުއާން ސަސްޕެންޑުކޮށްފި އެވެ.

ޓުއާން ސަސްޕެންޑު ކުރަން ރިޔާސީ އަމުރެއް ނެރެފައި ވަނީ ޕްރައިވެޓް ބްރޯޑްކާސްޓިން ކުންފުންޏެއް ކަމަށްވާ އޭވީޖީގެ 95 ޕަސެންޓު ހިއްސާ، ދައުލަތުގެ ކުންފުންޏެއް ކަމަށްވާ މޮބިފޯންއަށް ވިއްކަން ހެދި އެއްބަސްވުމަކާ ގުޅިގެންނެވެ. މިނިސްޓަރު ޓުއާން ސޮއި ކުރެއްވި އެއެއްބަސްވުން ހަދާފައި ވަނީ ބޮޑުވަޒީރުގެ ހުއްދައާ ނުލައި އެވެ.

މޮބިފޯންއިން އެހިއްސާ ގަނެފައި ވަނީ 386 މިލިއަން ޑޮލަރަށެވެ.

އެމައްސަލަ ތަހުގީގު ކުރި ވިއެޓްނާމްގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީން ނިންމި ގޮތުގައި، ޓުއާން އެއެއްބަސްވުމުގައި ސޮއި ކުރެއްވީ އިންވެސްޓުމެންޓް ގާނޫނުތަކާ ހިލާފަށެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ވަނީ 307 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފަ އެވެ.

އެ މައްސަލައާ ގުޅިގެން ވިއެޓްނާމްގެ ފުލުހުން ވަނީ މޮބިފޯންގެ ކުރީގެ ޗެއާމަނަކާއި އެގައުމުގެ މިނިސްޓްރީ އޮފް އިންފޮމޭޝަންގެ އިސް އޮފިޝަލަކު ހައްޔަރުކޮށްފަ އެވެ.

އެއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ވިއެޓްނާމްގެ މިނިސްޓަރަކު، ދައުރު ނުނިމެނީސް މަގާމުން ވަކި ކުރި ފުރަތަމަ ފަހަރު ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ. (ރޮއިޓާސް)