15 Sep 2011, 16:20
ފަނޑިޔާރުންނާ ބެހޭ ގޮތުން ރައީސް ނަޝީދުގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް )އިބްރާ( ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ސްޕްރީން ކޯޓުން ބަޔާނެއް ނެރުމުން އެމަނިކުފާނާ ދޭތެރޭ "ރައްޔިތުންގެ ހިތްތަކުގައި ކިލަނބުކަމެއް" އުފެދިފާއިވާ ކަމަށް ބުނެ، ޝަރުއީ ކޯޓްތަކުގެ އެންމެ މަތީ ފަރާތް ސްޕްރީމް ކޯޓްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް )އިބްރާ( އަބުރުގެ ދައުވާ އެއް މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ސެޕްޓެންބަރު 2، 2011 ގައި ކ. ތުލުސްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރުން ހިތުހުރި ގޮތަކަށް ހުކުމް ކުރަމުންދާ ކަމަށާއި ފަނޑިޔާރުންގެ ކަންތައް ހަމައަކަށް އެޅުވޭނީ ރައްޔިތުން ނުކުމެގެން ކަމަށް ވިދާޅުވެ، އިބްރާ ދެއްކި ވާހަކަތަކަށް ރައްދުދީ ސްޕްރީމް ކޯޓްގެ ބަޔާނެއް ނެރުނީ ސެޕްޓެންބަރު 5، 2011 ގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ދައުލަތް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގެނައުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކީ އެއްވެސް އޮޅުމެއްނެތް ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. އަދި ކޯޓުތަކާއި އެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އިޙާނާތްތެރިވުމަކީ ޤާނޫނީ ގޮތުން ހުއްދަ އަމަލެއް ނޫން ކަމަށް ކަމަށް ސްޕްރީމް ކޯޓުން ބުންޏެވެ.
ސްޕްރީމް ކޯޓުގެ މައްޗަށް ކުރާ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުއްވުމަށް ފަހު ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބްރާ ވިދާޅުވީ އާންމު ފަރުދެއްގެ މައްޗަށް އެފަދަ ބަޔާނެއް ނެރެން ޖެހޭނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ ވާހަކަތަކުގެ "ސާބިތުވާ" މިންވަރު ބެލުމަށްފަހުގައި ނޫނީ ބަޔާނެއް ނެރޭ ކަމުގައިވާ ނަމަ ސްޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ގޮތުގައި އޮތުމަށް ޖާގަ ނުދޭ ކަމަށެވެ.
"އާންމު ފަރުދެއްގެ މައްޗަށް އެފަދަ ބަޔާނެއް އާންމު ކުރައްވަން ވާނީ ރަނގަޅަށް ބައްލަވާފައި، އެ ކަމުގެ ސާބިތު ހެކި ހޯއްދަވާފައި. އެހެން ނޫނިއްޔާ ސްޕްރީމް ކޯޓަށް އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ގޮތުގައި އޮތުމަކަށް ޖާގައެއް އޮތް ކަމަކަށް ވެސް އަޅުގަނޑަކަށް ނުފެނޭ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޕްރީމް ކޯޓުން ނެރުނު ބަޔާނަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ލިބިގެންވާ ބާރުގެ ދަށުން އެފަދަ ކަންތައްތައް ކުރަމުން ގެންދާތީވެ އެންމެންގެ ފަރާތުން "ކިފާޔަތުގެ ފަރުޟެއް" ކަމަށް ދެކިގެން ހުށަހެޅުއްވި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ފަރާތުން ރާއްޖެ އަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްދީފައި ވުމުން ވަރަށް ގިނަ ރައްޔިތުންތަކެއްގެ "ހިތް ހަލާލު" ލިބިގެންވާ ކަމަށް ވިދާޅުވެ އިބްރާ ވިދާޅުވީ ސްޕްރީމް ކޯޓުން އެފަދަ ބަޔާނެއް ނެރުމުން އޭނާއާ މެދު ވަރަށް ފަސޭހައިން ކިލަނބުކަން އުފެދިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބަޔާނާ ގުޅިގެން ދައުވާ އުފުއްލަވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މައްޗަކަށް ނޫން ކަމަށާއި ސްޕްރީމް ކޯޓްގެ މައްޗަށް ކަމަށެވެ.