23 Jul 2018, 12:23
ވޮޝިންޓަން(ޖުލައި 23): އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފި ނަމަ އެ ހަނގުރާމަ ވެގެންދާނީ "ހަނގުރާމަތަކުގެ މަންމަ"އަށް ކަމަށް ބުނެ އެގައުމުން ދިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައްދު ދެއްވައިފިއެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީއަށް ރައްދު ދެއްވަމުން އިއްޔެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވަނީ އެއްވެސް ހާލަތެއްގައި އެމެރިކާއަށް އިންޒާރު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމަށް އިންޒާރު ދީފި ނަމަ، "ދުނިޔޭގެ ތާރީހުގައި މަދު ބަޔަކު ތަޖުރިބާ ކުރި ފަދަ ތަޖުރިބާއެއް އީރާނުން ކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އީރާނުގެ ސަރުކާރާ މާފިއާއަކާ އެއްގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ނޮވެމްބަރު މަސް އަންނަންވާ އިރަށް، ބޭރު ގައުމުތަކުން އީރާނުގެ ތެޔޮ ގަތުން ހުއްޓުވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އީރާނުން ދުނިޔޭގެ ބާރުތަކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެގައުމުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އެހެން ގައުމުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފައެވެ.
ނަމަވެސް މިދިޔަ މަހު އެމެރިކާއިން ވަނީ އެއެއްބަސްވުމުން ވަކިވެފައެވެ. އަދި އީރާނުގެ ތެޔޮ ވިއްކުން ހުއްޓުވުން ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް އަޅާނެ ކަމަށް ބުނެފައެވެ.
ނަމަވެސް އީރާނުން ވަނީ އެގައުމުގެ ތެޔޮ ވިއްކުން ހުއްޓުވަން މަސައްކަތްކޮށްފި ނަމަ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށް ބުނެފައެވެ. އަދި އީރާނުގެ ތެޔޮ ބޭރު ނުކުރެވޭނަމަ ގަލްފް ހުރަސްކޮށް އެއްވެސް ގައުމަކަށް ތެޔޮ ބޭރު ނުކުރެވޭނެ ކަމުގެ އިންޒާރު އެގައުމުގެ ސުޕްރީމް ލީޑަރު އަޔާތުﷲ އަލީ ވަނީ ދެއްވާފައެވެ. (ބީބީސީ)