ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާގެ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން ކަށަވަރުކޮށްދިން ނަމަވެސް ޝަރީއަތް ކެންސަލް ކުރި ސަބަބު ބުނެފައި ނުވެއެވެ.

މީގެ ކުރިން މައުމޫންގެ ޓެރަރިޒަމްގެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރީ ޖޫން 26 ވަނަ ދުވަހު އެވެ. އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާ ކޮށްފައި ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ރައީސް މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ވެސް ވަނީ އެ ހުކުމް ކޮށްފައެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅިކަމުގެ ދައުވާ ކުރީ އެކެއް ފެބްރުއަރީގެ ހުކުމާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެ ބޭފުޅުންގެ ފޯނު ހަވާލު ނުކުރުމުންނެވެ.