23 Jul 2018, 11:53
ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަ ކުރައްވާ ކެޑިޑޭޓު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) އިނގިރޭސިވިލާތަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު އިބޫ އިނގިރޭސިވިލާތަށް ވަޑައިގަތީ ދަރިކަނބަލުންގެ ގްރެޖުއޭޝަނަށެވެ.
ކުރު ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، އަނެއްކާވެސް ރިޔާސީ ކެމްޕޭނުގެ ހަރަކާތްތަކައިގެން ފުރިހަމައަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން އިބޫ ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންގް މޭޓު، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި އެކު އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕޭންގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.
އިބޫ މީގެ ކުރިން ވިދާޅުވީ، ރާއްޖޭގެ އެހެނިހެން އަތޮޅުތަކަށް ކެމްޕޭނު ދަތުރުފުޅުތައް ކުރެއްވުން ހަމަޖެހިފައި އޮތީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށްފަހުގައި ކަމަށެވެ.
އިބޫ ރައްޖެއިން ބޭރުގައި ހުންނެވި ކުރު މުއްދަތުގައި ރަނިންގް މޭޓު ފައިސަލް ނަސީމް މާލޭގައި ވަނީ ކެމްޕޭން ކުރިއަށް ގެންދަވާފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ގައްދޫ އަދި އިހަވަންދޫ ދާއިރާގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރެއްވިއެވެ. އޭގެ އިތުރުން ވިލިމާލޭގެ ރައްޔިތުންނާ ވެސް ފައިސަލް ވަނީ ބައްދަލުކުރެއްވިއެވެ.