ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލްގެ އެއް ނަމްބަރު ކީޕަރުކަން ކުރާނީ ރެކޯޑު ފީއަކަށް އެ ކްލަބަށް ގެނައި އެލިސަން ބެކާ ކަމަށާއި، އެހެން ނަމަވެސް ލޮރިސް ކޭރިއަސްއަށް ވެސް އަދި ފުރުސަތު އެބަ އޮތް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެވިއެވެ.

"ސްކައި ސްޕޯޓްސް"އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ރެކޯޑު ފީއެއް ދައްކައިގެން އެލިސަން ގެނައި ސަބަބު ވަރަށް ސާފު ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ކްލަބުގެ އެއް ނަމްބަރު ކީޕަރުކަން ކުރާނީ އޭނާ ކަމަށެވެ.

ކްލޮޕް ބުނީ އެލިސަންގެ ޓްރާންސްފާ އަކީ ކޭރިއަސްއަށް އެހާ ރަނގަޅު ހަބަރަކަށް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އަދިވެސް މެޗުތައް ކުރިއަށް އެބަ އޮތް ކަމަށާ، ކޭރިއަސްގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ އެގާރައިން ފުރުސަތު ލިބިދާނެ ކަމަށް އޭނާ ބުންޏެވެ.

ޖަރުމަނަށް ނިސްބަތްވާ ކޭރިއަސް ލިވަޕޫލަށް ސޮއި ކުރީ 2016 ވަނަ އަހަރު ޖަރުމަނު ބުންޑަސް ލީގާގެ މެއިންޒް އިންނެވެ. ފާއިތުވި ސީޒަނުގެ މުހިންމު މެޗުތަކުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން އޭނާ ވަނީ ލިވަޕޫލް ސަޕޯޓަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެގޮތުން، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި، ކޭރިއަސް ހެދި ގޯސްތަކުގެ ސަބަބުން ލިވަޕޫލްގެ ކޮޅަށް ދެ ގޯލު ވަނީ ވަދެފައެވެ.

ލިވަޕޫލުން މިދިޔަ ހަފްތާގެ ތެރޭގައި އެލިސަންގެ ސޮއި ހޯދާފައި ވަނީ 65 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއާއެކު އެލިސަން ވެފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލް ކީޕަރަށެވެ.

އެލިސަން ވެގެން ގޮސްފައި މިވަނީ މި ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން ގެނައި ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. އޭނާގެ އިތުރުން ދެން ގެނެސްފަައި ވަނީ ނަބީ ކެއިޓާ، ފެބީނިއޯ، އަދި ޒައިދާން ޝަކީރީ އެވެ.