ކާބުލް(ޖުލައި 23): ތުރުކީއަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި އަފްގާނިސްތާނުގެ ނައިބު ރައީސް އަބްދުލް ރަޝީދު ދޮސްތޫމް ގައުމަށް ވަޑައިގެންނެވުމާއެކު ބަޔަކު ދިން ބޮމުގެ ހަމަލާއެއްގައި 14 މީހަކު މަރުވެއްޖެއެވެ.

އެހަމަލާ ދިނީ ކާބުލްގެ ބައިނަލްއަގުވާމީ އެއާޕޯޓު ދޫކުރައްވައި ނައިބު ރައީސް ވަޑައިގެންނެވި ފަހުން، އެއެއާޕޯޓު ކައިރިއަށެވެ. އަދި އެހަމަލާގައި ދޮސްތޫމް ޒަހަމްވެފައި ނުވާ ކަމަށް ކާބުލްގެ ފުލުހުން ބުންޏެވެ.

އަފްޣާން އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ސަލާމަތީ ފައުޖުތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ. އަދި އެހެމަލާގައި 60 މީހަކަށް އަނިޔާވެފައިވެއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާގެ ޒިންމާ ނަގައިފައެވެ.

މިދިޔަ އަހަރު ދޮސްތޫމް ތުރުކީއަށް ވަޑައިގެންނެވީ، ސަރުކާރުގެ އިދިކޮޅު ފަރާތެއް ކަމަށްވާ އަހުމްދު އިޝްޗީއަށް އޭނާ އަނިޔާ ކުރި ކަމުގެ ތުހުމަތުތައް ފެންމަތިވުމުންނެވެ.

އިޝްޗީ ބުނި ގޮތުގައި، ދޮސްތޫމްގެ އަމުރަށް ބަޔަކު ވަނީ އޭނާ ދުސްތޫމްގެ ގެޔަށް ގެންގޮސްފައެވެ. އަދި އެގޭގައި ނައިބު ރައީސްގެ އިތުރުން 10 މީހަކު ވަނީ އޭނާއަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައެވެ.

ދޮސްތޫމް ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އދ. އާއި އެމެރިކާއިން ވަނީ އެމައްސަލަ ތަހުގީގު ކުރަން ގޮވާލާފައެވެ. (އަލްޖަޒީރާ)