23 Jul 2018, 09:25
އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފި ނަމަ އެ ހަނގުރާމަ ވެގެންދާނީ "ހަނގުރާމަތަކުގެ މަންމަ"އަށް ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް ހަސަން ރޫހާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވައިފިއެވެ.
އިއްޔެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ، އީރާނުގެ ސާފުނުކުރާ ތެޔޮ ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުން އެމެރިކާއަށް ނުހުއްޓުވޭނެ ކަމަށެވެ.
އަދި ތެޔޮ ވިއްކުން ހުއްޓުވަން މަސައްކަތްކޮށްފި ނަމަ ހަނގުރާމައަށް މަގުފަހިވާނެ ކަމަށް ދޭހަވާ ގޮތަކަށް ރޫހާނީ ވާހަކަފުޅު ދެއްކެވިއެވެ. އަދި މެދުއިރުމަތީގެ އެހެން ގައުމުތައް ތެޔޮ ވިއްކާ އިރު އީރާނުން ތެޔޮ ނުވިއްކައި ބަލަން ހުންނާނެތޯ އޭނާ ސުވާލުކުރެއްވިއެވެ.
"އީރާނާއެކު ސުލްހަވެރިކަން ދަމަހައްޓާ ނަމަ އެ ސުލްހަވެރިކަން ވެގެންދާނީ ސުލްހަވެރިކަމުގެ މަންމައަށް. އަދި އީރާނާއެކު ހަނގުރާމަ ކުރާނަމަ އެ ހަނގުރާމަ ވެގެންދާނީ ހަނގުރާމަތަކުގެ މަންމައަށް،" ރޫހާނީ ވިދާޅުވިއެވެ.
މީގެ އިތުރުން، "ސިންގާގެ ނިގުލާ ކުޅޭ ނަމަ" އެކަމުން ރަނގަޅު ނަތީޖާއެއް ނާންނާނެ ކަމަށް ވިދާޅުވެ ރޫހާނީ އިންޒާރުދެއްވިއެވެ.
ރޫހާނީ މިހެން ވިދާޅުވި އިރު، އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެގައުމަށް ދަތިކުރުމުގެ ގޮތުން އީރާނުގެ ތެޔޮ އެހެން ގައުމުތަކުން ގަތުން ހުއްޓުވުމަށެވެ.
އީރާނުގެ ތެޔޮ އެކްސްޕޯޓުތައް ހުއްޓުވުމަށް މަސައްކަތް ކޮށްފި ނަމަ އެގައުމުން އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އެކްސްޕޯޓު ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ނުސީދާކޮށް މި މަހުގެ ކުރީ ކޮޅު އެގައުމުން ވަނީ ދީފައެވެ.