ރޭ ކުޅެވުނު ޗެމްޕިއަންސް ލީގު ގްރޫޕް އޭ ގައި އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެންމެ ޕޮއިންޓެއް ލިބުނީ ޓީމު ހިތް އަވަސްވެފައި ވުމުން ކަމަށް ބުނެ އަންނަ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް އުންމީދުކުރާ ކަމަށް އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ގްރޫޕް އޭގައި ނަޕޯލީ އާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗު އަމިއްލަ ދަނޑުގައި ބަލިވަމުން ދަނިކޮށް ސަލާމަތްކޮށް ދިނީ ޑިފެންޑަރު އެލެކްސެންޑާ ކޮލަރޯވް އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ނަޕޯލީ އަށް ލީޑު ހޯދައިދީފައި ވަނިކޮށް ކޮލަރޯވް ނަތީޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނެޓުގައި މެން ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މިމެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

މެންޗެސްޓާ ސިޓީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް އަލަށް ކޮލިފައިވެ ކުޅުނު ފުރަތަމަ މެޗުން ޕޮއިންޓެއް ލިބުމުން މާޔޫސް ކަމަކާ ވަނީ ކުރިމަތި ވެފަ އެވެ. އަންނަ މެޗުގައި ޓީމުގެ ކުޅުން ރަނގަޅުވާނެ ކަމަށް މެންސިޓީގެ ކޯޗު އެކުލަބުގެ ސްޕޯޓަރުންނަށް ޔަގީންކަން ދެ އެވެ.

ޗެމްޕިއަންސް ލީގުގައި މެން ސިޓީ ދެން މެޗެއް ކުޅެން ޖެހޭނީ ސެޕްޓެމްބަރު 27 ގައި ޖަރުމަނުގެ ކާމިޔާބީ ޓީމު ބެޔާން މިއުނިކާ އެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބެޔާން މިއުނިކުގެ އަމިއްލަ ދަނޑުގަ އެވެ. ބެޔާން މިއުނިކް ވަނީ ސްޕެއިންގެ ވިލަރެއާލް އަތުން 2-0 ލަނޑުން ފަސޭހަކަމާ އެކު ރޭ ކުޅުނު މެޗުން މޮޅުވެފަ އެވެ.
"މިއުނިކުގައި ކުޅޭ މެޗުން ރަނގަޅު ކުޅުމެއް ދެއްކޭނެ ހެން ހީވޭ. ސަބަބަކީ އެއީ އަހަރެމެން ކުޅޭ ދެވަނަ މެޗަށް ވާތީ. ނިމިގެންދިޔަ މެޗަކީ ވެސް އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. އެހެން ނަމަވެސް އަހަރެމެން މާ ބޮޑަށް ހިތް އަވަސްވީ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނިން. އެކަމަކު ދެވަނަ ހާފުގެ ފުރަތަމަ ފަނަރަ މިނެޓުގައި އަހަރެމެން އަތުން ވަރަށް ގިނަ ބޯޅަތަކެއް ގެއްލުނު." މެންސިޓިގެ ކޯޗު މަންޗިނީ ބުންޏެވެ.

"އަހަރެމެން އެބަ ޖެހޭ އާދައިގެ ފުޓުބޯޅައެއް ކުޅެން. އާދައިގެ ގޮތަކަށް ކުޅެފިއްޔާ އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނެރި ގިނަ ގޯލުތަކެއް ވެސް ކާމިޔާބު ކުރެވިދާނެ. މެޗުގެ ދިހަ މިނެޓްގައި އަހަރެމެން ނަޕޯލީ ކުޅުންތެރިންނަށް މާބޮޑަށް ދޫދީގެން ކުޅެވުނީ. ފުރަތަމަ ހާފުގައި ޓީމުން ދެއްކި ކުޅުމާއި މެދު އަހަރެން ހިތްހަމަޖެހޭ."

ރަށުން ބޭރުގައި ނަޕޯލީ ކުޅުނު މެޗުން 1-1 ލަނޑުން އެއްވަރުވެ ލިބުނު އެއްޕޮއިންޓާ މެދު އުފާކުރާ ކަމަށް އެކުލަބުގެ ކޯޗު ވޯލްޓާ މަޒާރީ ބުންޏެވެ. "ނަޕޯލީ 1-0 ލަނޑުން ކުރީގައި އޮތްއިރު ވަރަށް އުފާކުރިން. ދެވަނަ ހާފު ޓީމުން ދެއްކި ކުޅުމާމެދު ވެސް އުފާކުރަން. އަހަރެމެން މިމެޗުން މޮޅުވެ އިތުރަށް ކުރިއަށް ދެވުން ނަމަ އިތުރަށް އުފާ ކުރާނަން. އަހަރެމެންނަށް އެނގޭ މެންސިޓީ އަކީ މޮޅު ޓީމެއްކަން." ނަޕޯލީ ކޯޗު މަޒާރީ ބުންޏެވެ.