22 Jul 2018, 23:59
އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި ގްރޫޕް މާރާމާރީ އާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިރޭ އައްޑޫގައި މާރާމާރީ އެއް ހިންގިކަމުގެ ރިޕޯޓް ލިބިފައިވަނީ 9:40 ގައި ކަމަށާއި މާރާމާރީ އާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާރާމާރީގައި ދެ މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލަދީ ވަނީ ޒަޚަމްކޮށްލާފައެވެ. އޭގެ ތެރެއިން އެކަކީ 17 އަހަރުގެ ކުއްޖެއް ކަމަށް ވެސް ވަނީ އެނގިފައެވެ. އަނިޔާވީ ދެ މީހުނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އައްޑޫގައި ހިންގި ގްރޫޕް މާރާމާރީއަށް ފަހު ވަނީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި އެ ސައިކަލްގައި ރޯކޮށްލާފައެވެ.
އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.