ދިރާގާއި ސްޕާކްހަބް ގުޅިގެން ބޭއްވި، ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން "އޭންޖަލްހެކް"ގެ އިވެންޓުގެ އެންމެ ރަނގަޅު ޓީމަށް ބައިނަލްއަގުވާމީ އެކްސެލެރޭޓާ ޕްރޮގްރާމަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ.

"އޭންޖަލްހެކް"ގެ ހެކަތޯން މާލޭގައި ކުރިއަށް ދިޔައީ އިއްޔެއާއި މިއަދު، މާލޭގެ ހޮޓެލް ޖެންގައެވެ.

ފަންސާސް ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ ހެކަތޯނު ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ހެކަތޯނުގެ އެންމެ ރަނގަޅު ޓީމު ވަނީ ހޮވާފައެވެ.

އެންމެ ރަނގަޅު ޓީމުގެ ގޮތުގައި ހޮވުނީ "ފިންވައިސް" ޓީމެވެ. މިއީ ރާއްޖޭގެ ސޮފްޓްވެއާ ޑިވެލޮޕިންގް ކުންފުނި "ކޯޑް ފްލައި"ގެ ޑިވެލޮޕަރުންގެ ޓީމެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އީޖާދީ އެޕްތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް، ޓެސްޓުކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ކުރިއަށް ދިޔަ "އޭންޖަލްހެކް" ހަރަކާތުން އެއްވަނައަށް ދިޔަ "ފިންވައިސް" ޓީމަށް، "އޭންޖަލްހެކް"ގެ އެކްސެލެރޭޓާ ޕްރޮގްރާމް "ހެކްސެލެރޭޓާ"ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ބާރަ ހަފްތާގެ މުއްދަތަށް ކުރިއަށްދާ "ހެކްސެލެރޭޓާ"ގެ ބައިވެރިންނަށް ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި އައިޑިއާތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕްތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭނެއެވެ. އަދި އެ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް. ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީގައި އޭންޖަލްހެކްއިން ބާއްވާ "ގްލޯބަލް ޑެމޯ ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ދިރާގުން ބުނި ގޮތުގައި މިއީ ރާއްޖޭގެ ޓެކްނޮލޮޖީ ކޮމިއުނިޓީއަށް މިފަދަ ފުރުސަތެއް ފޯރުކޮށްދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ "އޭންޖަލް ހެކް" ހަރަކާތުގައި 50 ބައިވެރިން ބައިވެރިވި އިރު، އޭގެ ތެރޭގައި ގިނަ އަންހެން ބައިވެރިންވެސް ހިމެނުނެވެ.