ދިވެހިރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ނެރެވޭނީވެސް ދިވެހީންނަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2022-2018 ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާހުކުރި އިރު، އެ ޕްލޭނަކީ މަނިޓަރީ ޕޮލިސީ ހިންގުމާއި އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމާއި، ތަފާސް ހިސާބުތަކާއި އިގްތިސާދީ ދިރާސާތައް ހަރުދަނާ ކުރުމުގެ އިތުރުން މާލީ ދާއިރާ ތަރައްގީކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ސްޓްރެޓީޖިކް ޕްލޭން ލޯންޗުކުރުމަށް މިއަދު އެ އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ނެރެވޭނީ ދިވެހީންނަށް ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކުގައި ރާއްޖެ ދަނީ މުޅި ދުނިޔެއަށް މސިާލު ދައްކަމުން ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމުގެ ގާބިލުކަންވެސް ދިވެހީންގެ ކިބައިގައި އެބަހުރި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ސްޓްރެޓީޖިކް ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެމްއޭ

މިއަދު ލޯންޗުކުރި ސްޓްރެޓީޖިކް އެމްއެމްއޭގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ ކަންކަން:

  • މަނިޓަރީ ޕޮލިސީ ހިންގުން ހަރުދަނާކުރުން.
  • ފައިނޭންޝަލް ސެކްޓަރގެ ސްޓެބިލިޓީ ދެމެހެއްޓުން.
  • (ހ) ރައްކާތެރި އަދި އެފިޝަންޓް ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުން އަދި (ށ) އެމްއެމްއޭއިން ސަރުކާރަށް ދޭ ބޭންކިންގް ޚިދުމަތް ހަރުދަނާކުރުން.
  • އެމްއެމްއޭގެ އުފެއްދުންތެރިކަމާއި ގަވަނަންސް ހަރުދަނާކުރުން.
  • އިގްތިސާދީ ދިރާސާތަކާއި ތަފާސް ހިސާބު ހަރުދަނާކުރުން.
  • މާލީ ދާއިރާ ތަރައްގީކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުން.

ރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމު ނުވަތަ ޕޭމެންޓް ސިސްޓަމަށް ބަދަލު ގެނައުމަކީ މަރުކަޒީ ބޭންކުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ މުހިންމު ބައެއް ކަމުގައި ވާ އިރު، ގަވަރުނަރު ވިދާޅުވީ އެމްއެމްއޭގެ އަމާޒަކީ އެ ނިޒާމު ވީހާވެސް ބޮޑަކަށް ނަގުދު ފައިސާއަށް ބަރޯސާ ނުވެ، ޑިޖިޓަލް ޕޭމެންޓާ ހަމައަށް ގެންދިއުން ކަމަށެވެ.

"ޑިޖިޓަލް ޕޭމެންޓުތަކާ ހަމައަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ،" ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޕޭމެންޓް ސިސްޓަމާ ބެހޭ ދިރާސާއެއް އެމްއެމްއޭއިން ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ކުރަން ފަށާފައެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ފައިނޭންޝަލް ސެކްޓަރަކީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ބައިވެރިވެވޭ، އަދި ޚިދުމަތްތައް ލިބޭ ސެކްޓަރަކަށް ބައްޓަން ކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އެއް ލަނޑުދަނޑިއެވެ.

އެމްއެމްއޭގެ ސްޓްރެޓީޖިކް ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ/ އެމްއެމްއޭ

"ކޮންމެ ރަށެއްގައި ތިބިކަމުގައި ވިޔަސް ބޭންކިންގް ޚިދުމަތާއި އިންޝުއަރަންސްގެ ޚިދުމަތް އަދި އެހެނިހެން މާލީ ޚިދުމަތްތައް ލިބިގެން ދިއުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ،"

ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން ފައިނޭންޝަލް އިންކްލޫޝަން އަދި ފައިނޭންޝަލް ލިޓަރަސީ ޕްލޭނެއްވެސް އަކުލަވާލައި، ގައުމީ ފެންވަރުގައި ހިންގުމަށް އެމްއެމްއޭއިން ނިންމާފައި ވެއެވެ.

އާ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި އެމްއެމްއޭގެ މުވައްޒަފުންގެ ލަފައާއު އައިއެމްއެފްގެ ފަންނީ ލަފާ ހިމަނާފައިވާނެ ކަމަށް ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.

އަދި މި ޕްލޭނާ ބެހޭގޮތުން ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކާއި، ރާއްޖޭގައި ހަރަކާތްތެރިވާ ފައިނޭންޝަލް ޚިދުމަތްތޭ ހުރިހާ އިދާރާއެއްގެ ފަންނީ އަދި ޕޮލިސީ ލެވެލް ބޭފުޅުންގެ މަޝްވަރާއަށް ރިއާއަތް ކުރައްވާފައިވާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.