ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 20،000ރ.ގެ ކޮމެޓީ އެލަވަންސް ދޫނުކޮށް ހިފެހެއްޓުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ސާވަންޓެއްގެ ނަމުގައި މިއަދު ކޯޓަށް މައްސަލަ ވައްދައިފި އެވެ.

އެލަވަންސާ ދެކޮޅަށް މަސައްކަތްކުރާ ޓީމުން އިސްނަގައިގެން ސިވިލް ކޯޓަށް މިއަދު ވެއްދި މައްސަލާގައި އެދިފައި ވަނީ ޝަރުއީ ކޯޓަކުން މަޖިލީހުގެ ކޮމެޓީ އެލަވަންސާމެދު ގޮތެއް ނިންމަންދެން، މަޖިލީހުގެ މެންބަރުންނަށް ކޮންމެ މަހަކު ދޭން ނިންމާފައިވާ 20،000ރ. ކޮމެޓީ އެލަވަންސް ނުދިނުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރު ކޮށްދިނުމަށެވެ.

އެ މައްސަލާގައި ކޯޓްގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ޝަފާޒް ވަޖީހު މިއަދު ވިދާޅުވީ ކޮމެޓީ އެލަވަންސްގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ ފައިސާ ހިފަހައްޓާފައި ބެހެއްޓުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދި މިއަދުމެންދުރު 1:30 ގައި އެ މައްސަލަ ސިވިލްކޯޓަށް ވައްދާފައިވާ ކަމަށެވެ. ޝަފާޒް ވިދާޅުވީ ސިވިލް ސާވަންޓެއްގެ ނަމުގައި ލާފައިވާ އެ މައްސަލައިގައި އެދިފައިވާނީ ސިވިލް ސާވެންޓުންނަށް ދޭންޖެހޭ މުސާރަ ނުދީ މަޖިލިސް މެންބަރުންނަށް އެލަވަންސް ދިނުމަކީ ބައެއްގެ ހައްގުތަކަށް އުނިކަމެއް ލިބޭ ކަމަކަށް ވާތީ ކޮމެޓީ އެލަވަންސް ދޫނުކުރެވޭނެ ކަމަށް ކަޑައަޅައިދިނުމަށް ކަމަށެވެ.

"ސިވިލް ސާވެންޓުންގެ މުސާރަ ދިނުމުގައި ފައިސާ ނެތްކަމަށް ވިދާޅުވާއިރު ކިހިނެތްތޯއޭ ބަޖެޓުގައި ހިމަނާފައި އޮތް އައިޓަމަސް ފައިސާ ނެތް ކަމައްވިދާޅުވާއިރު އެހެން ބަޔެއްގެ ހަމަ އެކަހަލަ ހައްގެއް މުސާރައާ ގުޅިފައި އޮތްކަމެއްކަމަށް ބެއްލެވޭނީ. އެހެންވެ މިގޮތަށް ފިނޭންސް މިނިޓްރީން އެ ފައިސާ ދޫކުރައްވައިފިނަމަ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނާ ތަފާތު ކުރުމާއި 20 ވަނަ މާއްދާގައި ބުނައި ހަމަހަމަ ކަމާއި 43 ވަނަ މާއްދާގައި ބުނައި އިދާރީ ފިޔަވަޅު މީހުންގެ މެދުގައި އެޅުމުގެ ހަމަހަމަކަން މި އުސޫލުތަކާ ހިލާފުވެފައި އޮތް ކަމަށް ގަބޫލުކުރެވޭތީ،" ކޯޓަށް މައްސަލަ ވެއްދި ސަބަބު ބަޔާންކޮށްދެއްވަމުން ޝަފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެލަވަންސް ފައިސާ ހިފެހެއްޓުމަށް ވަގުތީ ކޯޓުއަމުރަކަށް އެދުނީ "އެ ފައިސާ ޓްރާންސްފާ ވެއްޖެނަމަ އިންސާފު ހޯދަން އުދަނގޫ" ވާނެތީކަމަށެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިނުގަނެވިގެން އުޅެނިކޮށް މަޖިލީހުގެ މެމްބަރުންނަށް 20،000ރ.ގެ ކޮމިޓީ އެލަވަންސް ދިނުމަށް އަހަރަކު 18 މިލިއަން ރުފިޔާ، އަދި ފާއިތުވި ހަތް މަސްދުވަހުގެ އެލަވަންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް ގަނޑުކޮށް 140،000ރ. ދޫކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ގިނަ ފަރާތްތަކަކުން ދަނީ ފާޑުކިޔަމުންނެވެ.

އެ އެލަވަންސް ދިނުމަށް ސަރުކާރުން އަދި ފައިސާ ދޫކޮށްފައިނުވާ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މަޖިލީހުން ކޮމިޓީ އެލަވަންސް ބަޖެޓްކޮށްފައި އޮތުމުން އެ ފައިސާ ދޫކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އެމަނިކުފާނުގެ ކެބިނެޓްގެ އަށް ވަޒީރުން އެ އެލަވަންސާ ދެކޮޅަށް ޕެޓިޝަނުގައި ސޮއިކުރައްވާފައިވާއިރު، ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒުވެސް ވަނީ އެލަވަންސް ނެގުމާ މެދު ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް މެމްބަރުންނަށް ގޮވާލައްވައިފަ އެވެ. އިނާޒް ވިދާޅުވެފައިވަނީ، އެލަވަންސްގެ ފައިސާ ދޫކުރައްވާނީ ރައީސް ނަޝީދާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.